ދެ ގަޒިއްޔާއަކުން ތަނާޒުލްވުމުން، ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ހަސަން މަނިކަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ ދެ ގަޒިއްޔާއަކުން އަހްމަދު ހަސަން ތަނާޒުލްވެފައި ވަނީ ޝަރީއަތް ކުރުމާބެހޭ ގަވާއިދުގެ 35 ވަނަ މާއްދާއާއި، އެ މާއްދާގެ ދެވަނަ ނަންބަރުގައި އަދި އެ ނޫންވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ފަނޑިޔާރަކާ ހަވާލުކުރެވޭ މައްސަލައެއް ބެލުމުން ތަނާޒުލްވެވޭނެ ކަމަށް ކަނޑައަޅާފައިވާ ހާލަތެއްގައި ނޫން ކަމަށެވެ.

ޖޭއެސްސީ އިތުރަށް ބުނީ އަހުމަދު ހަސަންގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޝަރީއަތް ކުރުމާބެހޭ ގަަވާއިދާ ހިލާފު އަމަލެއް ކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން އިސް މެޖިސްޓްރޭޓް އަހްމަދު ހަސަން މަނިކަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

ޖޭއެސްސީގައި މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުން އެ މަގާމާ ހަވާލުވެޑައިގެންނެވި ފަހުން ވަރަށް ގިނަ ފަނޑިޔާރުންނަށް ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައިވެ އެވެ. އަދި ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ވެސް ހުށަހަޅާފައިވެ އެވެ.