ރޯމް (29 މެއި) - އިޓަލީގެ ރޯމްގައި ދިރިއުޅެމުން ދިޔަ ޕާކިސްތާނަށް ނިސްބަތްވާ 18 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުން އޭނާ ހޯދަން ފަށައިފި އެވެ.

ފުލުހުން ތުހުމަތު ކޮށްފައި ވަނީ އެ ކުއްޖާ އާއިލާގެ ފަރާތުން ރޭވި ކައިވެންޏަކަށް ނުގަބޫލުވެ، އިންކާރުކުރުމުން އާއިލާ އިން އޭނާ މަރާލީ ކަމަށެވެ. އެގޮތުން އޭނާގެ މައިންބަފައިންނާއި ބޮޑުބޭބެއެއްގެ އިތުރުން ދެބެންގެ ދެދަރި ދެ މީހަކަށް ޝައްކުކުރެވޭ ކަމަށް މައްސަލަ ބަލަމުންދާ ކެރަބިނިއަރި ޕޮލިސްއިން ބުނެ އެވެ.

އުމުރުން 18 އަހަރުގެ ސަމަން އައްބާސް ވަނީ ފާއިތުވެ ދިޔަ އަހަރު ވެސް ދެ ބެންގެ ދެދަރި މީހަކާ ކައިވެނިކުރުމަށް އިންކާރުކޮށް، ގެއިން ނުކުމެ އިޖުތިމާއީ އިދާރާތަކުގެ އެހީއަށް އެދިފަ އެވެ. ބުނެވޭ ގޮތުގައި އޭރު އޭނާ ވަނީ އޭނާގެ މައިންބަފައިންނާ ދެކޮޅަށް ފުލުހުންނަށް ވެސް މައްސަލަ ރިޕޯޓު ކޮށްފަ އެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ބެލުމުގެ ދަށުގައި ހުރި ސަމަން އެނބުރި މައިންބަފައިންގެ ކައިރިއަށް ދިޔައީ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު އެވެ.

މެއި މަހުރެ ފަސްވަނަ ދުވަހުން ފެށިގެން ސަމަން ގެއްލިގެން ހޯދަމުން ދާއިރު އޭނާގެ މައިންބަފައިން އިޓަލީ ދޫކޮށް ޕާކިސްތާނަށް އެނބުރި ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ އާއިލާ ދިރިއުޅުނު ގެ ހުރި ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖްތަކުން ފަސް މީހަކު ފަކީރާތަކާއި ބާލިދީތައް ހިފައިގެން އޭޕްރިލް 20 ވަނަ ދުވަހުގެ ރޭ އެ ސަރަހައްދުގައި ހަރަކާތްތެރިވިކަން އެނގުނެވެ. އެ މީހުން އަނބުރާ އައިސްފައި ވަނީ ދޮޅު ގަޑިއިރު ފަހުންނެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ ފަސް މީހުންނަކީ އޭނާގެ އާއިލާގެ މެމްބަރުންނެވެ. އެ އެންމެން ވެސް އިޓަލީ ދޫކޮށް ފުރާފައިވާ ކަމަށްވެ އެވެ.

ސަމަންގެ ހަނދާނުގައި ހުކުރު ދުވަހު އިޓަލީގެ ނޮވެއްލާރާގެ ޓައުން ހޯލްގައި ބޭއްވި އެއްވުމެއްގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެ ޝުއޫރު ފާޅުކޮށްފަ އެވެ. – ސްޓްރެއިޓް ޓައިމްސް