އީރާނުން އެމެރިކާއާއެކު މިވަގުތު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާކަމަށާއި، ނަމަވެސް ހޮރްމޫޒް ކަނޑުއޮޅިން ވަގުތީ ރައްކާތެރި މަގެއް ހޯދުމާ ގުޅޭގޮތުން އޮމާނާއެކު ވާހަކަދައްކަމުންދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
ބަގާއީ އިތުރަށް ވިދާޅުވީ، އޮމާނާއެކު އެއްބަސްވުމަކަށް އައުމަކީ އެ ކަނޑުއޮޅި އަލުން ހުޅުވާލުމަށް ފުދޭނެ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ އެމެރިކާގެ އުދުވާނީ އަމަލުތައް ހުއްޓުމެއްނެތި ކުރިއަށްދާހާ ހިނދަކު މަސްރަހަށް އެއްވެސް ބަދަލެއް ނާންނާނެތީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އީރާނާއި އޮމާނާ ދެމެދު މަޝްވަރާ ކުރެވެމުންދަނީ ހޮރްމޫޒް ކަނޑުއޮޅީގައި ވަކި ވަކި ލޭންތަކެއް ހިމެނޭގޮތަށް، ވަދެ ނިކުމެވޭނެ އާ މަގެއް ތައާރަފު ކުރުމާ ގުޅޭގޮތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް ދޭން ނިންމި ނުރައްކާތެރި ހަމަލާތައް މަޑުޖައްސާލުމަށްފަހު، އެއްބަސްވުމަކަށް ދިއުމަށްޓަކައި ހޯމަ ދުވަހު އީރާނާއެކު މަޝްވަރާތައް ފަށާނެ ކަމަށެވެ.
އާދިއްތަ ދުވަހު އެއާފޯސް ވަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން ބޭނުންވަނީ ހަމަލާއަކުން ސަލާމަތްވާން ކަމަށާއި، ދޭން ތައްޔާރުވި ހަމަލާގެ ވަރުގަދަކަން އެގައުމަށް އެނގޭނެ ކަމަށެވެ. އަދި ހޯމަ ދުވަހުގެ މެންދުރުފަހު މަޝްވަރާތައް ފެށޭނެ ކަމަށް ވިދާޅުވި ނަމަވެސް، އެކަން ކުރިއަށްދާނެ ތަނެއް ނުވަތަ ބައިވެރިވާނެ ފަރާތްތަކުގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ހޮނިހިރު ދުވަހު ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ދޭން އުޅުނު ބޮޑު ހަމަލާގެ އިންޒާރު އަނބުރާ ގެންދަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދެވޭނެ އެންމެ ވަރުގަދަ ހަމަލާއަށް ވީސް ކަމަށާއި، އެފަދަ ހަމަލާއަކުން ލިބޭ ގެއްލުންތައް އިޔާދަކުރުމަކީ އަހަރުތަކެއް ނަގާނެ ކަމަކަށް ވާނެ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ކުއްލި ހަމަލާތަކެއް ދިނުމާއެކު ފެށުނު މި ހަނގުރާމައިގައި، ދޭތެރެ ދޭތެރެއިން ކުރެވުނު ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވެއެވެ. ނަމަވެސް، ދުނިޔޭގެ ހަކަތައިގެ މައި މަގު ކަމުގައިވާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް ކުރިން ވެވުނު ސުލްހައިގެ އެއްބަސްވުން ވަނީ ނާކާމިޔާބުވެފަ އެވެ. އަދި ފަހަކަށް އައިސް ދެގައުމުގެ މެދުގައި ހަމަލާތައް އަލުން ފެށުމާ ގުޅިގެން، އީރާނުން ވަނީ އެ ކަނޑުއޮޅީގެ ކޮންޓްރޯލް ކުރިއަށްވުރެ ބޮޑަށް ވަރުގަދަކޮށްފަ އެވެ.
މަހުދީގެ މަރުގެ ސެޓްފިކެޓް ބަދަލުނުކޮށްދޭތީ އާއިލާގެ ކަންބޮޑުވުން
ފަހި ފުލެޓުތައް ކައިރިން ކުނި ނައްތާލަން 13.5 މިލިއަން ހަރަދުވި
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟