ކުއަލަ ލަމްޕޫރު (01 ޖޫން) - މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރަކީ އާއްމު ގޮތެއްގައި ކާރޫ ބާރޫ ބޮޑު މީހުން ގިނަ ސަރަހައްދެކެވެ. ނަމަވެސް ޖޫން މަހުގެ އެއްވަނަ ދުވަހު ކުއަލަލަމްޕޫރުގެ މަގުތައް ފެނުނީ ހަމހިމޭން ކޮށެވެ. ދެ ހަފުތާގެ މުއްދަތައް އިއުލާނު ކުރި ފުރަބަންދާއެކު ކުއަލަލަމްޕޫރުން މިހާރު ފެނިގެންދަނީ އަމާންކަމެވެ.

މެލޭޝިއާގެ ވެރިރަށުގައި ހަރަކާތްތެރިވެ އުޅުން އެއްކޮށް މަނާކޮށް ފުރަބަންދު އިއުލާނުކުރީ ފާއިތުވެ ދިޔަ ހަފުތާގައި އެ ގައުމުގެ ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް އިތުރުވުމާ ގުޅިގެންނެވެ.

އިގްތިސޯދުގެ ޒަރޫރީ ސިނާއަތްތައް މެނުވީ އެ ގައުމުގައި އޮފީސްތަކަށް ނިކުމެ ވަޒީފާ އަދާކުރުން ވެސް ވަނީ މަނާކޮށްވިފަ އެވެ. ބާޒާރުތަކާއި ސްޕާ މާކެޓްތައް ވެސް ހިންގަމުން އަންނަނީ ނެސަނަލް ސެކިއުރިޓީ ކައުންސިލްގެ ހާއްސަ ހުއްދައަކާއެކު ކުރު ވަގުތު ކޮޅަކަށެވެ.

މީގެ އިތުރުން ރެސްޓޯރެންޓްތަކާއި ކެފޭތަކުން ހިދުމަތް ދިނުން ހުއްދަކުރެވިފައި އޮތީވެސް އެ ކައުންސިލްގެ ހުއްދައާ އެކު ހަރުކަށި ފިޔަވަޅު ތަކަކާ އެކީގަ އެވެ.

މިއީ އެ ގައުމުގައި ފުރިހަމަ ފުރަބަންދެއް އިއުލާނުކުރި ދެވަނަ ފަހަރެވެ. ކޮވިޑް-19ގެ ތިންވަނަ ރާޅާއެކު އެ ގައުމުން ފެނުނު ކޮވިޑް ކޭސްތަކުގެ އަދަދު މިދިޔަ ހޮނިހިރު ދުވަހު ވަނީ 9،020 އަށް އަރާފަ އެވެ.

ގިނަ ދިވެހިންތަކެއް ދިރިއުޅޭ ކުއަލަލަމްޕޫރުގައި 14 ޖޫން އާ ހަމައަށް ފުރަބަންދު ދެމިއޮންނާނެ އެވެ.

އެޅުނު އާ ފިޔަވަޅުތަކާއެކު އެ ގައުމުގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ވަރަށް ގާތުން ބަލާނެކަމަށާއި ހާލަތާ އެކަށޭނަ ވާގޮތަން އިތުރު ފިޔަވަޅުތައް ވެސް އަޅަމުންދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެ އެވެ. –ދަ ސްޓްރެއިޓް ޓައިމްސް