ކޮވިޑް-19 ޖެހިގެން މި މަހުގެ ދެވަނަ ދުވަހުގެ ރޭ މަރުވި މިޝްކާގެ މުހައްމަދުގެ މަރުގެ މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ.

ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާގެ އާއިލާއިން ވަނީ މިޝްކާ ނިޔާވުމުގައި އިހުމާލު އޮތް ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ތުހުމަތުތަށް ހެލްތު މިނިސްޓްރީން ބެލުމަށް ފަހު، އާންމުކުރި ރިޕޯޓުން ވެސް އެއީ މިޝްކާއަށް އަވަސް ފަރުވާ ނުދެވި ލަސްވީ އިހުމާލުގެ ސަބަބުން ކަމަށެވެ. އެ ކުއްޖާ ނިޔާވުމުގެ ކުރިން ހޮސްޕިޓަލަށް ގެންދަން ބޭނުންވެގެން، ބެލެނިވެރިން ކޯލް ސެންޓަރަށް އެތައް ފަހަރަކު ގުޅި ކަމަށާއި ހާލު ބޮޑުވެގެން އެ ވާހަކަ ބުނުމުން، އެމްބިއުލާންސް ދާނެ ކަމަށް ބުނެ މައުލޫމާތު ދީފައި ވިޔަސް އޭރު ވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާ ކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

މަޖިލީހުގެ ޖެންޑާ ކޮމިޓީން އެދިފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު މިއަދު ވިދާޅުވީ، މިޝްކާ ނިޔާވުމާއެކު، އެކަމުގެ މައުލޫމާތު ހޯދަން ކަމާ ގުޅޭ މުއައްސަސާތަކުގައި މަޖިލީހުން މިހާރު އެދިފައިވާ ކަމަށެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ޖީހާން ވިދާޅުވީ،މިއަދު 2:00 ހާއިރު އެ މައުލޫމާތު ކޮމިޓީއަށް ލިބޭނެ އެވެ. އެހެންކަމުން މާދަމާ މެންދުރު 2:00 ގައި ނުވަތަ ހަވީރު 4:00 ގައި ހެލްތު މިނިސްޓްރީ އާއި އެޗްއާރުސީއެމްގެ އިސްވެރިން ކޮމިޓީ އަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށެވެ. މިޝްކާގެ މަރުގެ ޚަބަރާ އެކު އެޗްއާރުސީއެމުން ވެސް ބުނެފައި ވަނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.