ކޮލަމްބޯ (06 ޖޫން) - ކެމިކަލް އާއި ޕްލާސްޓިކް ޕެލެޓްތަކެއް ބަރުކޮށްގެން ދަތުރުކުރަނިކޮށް ސްރީލަންކާގެ ބޭރުން އަލިފާން ރޯވި އާގު ބޯޓުގެ ކަޅުފޮށި ފެނިއްޖެ އެވެ.
ވޮޔޭޖް ޑާޓާ ރިކޯޑަރު ނުވަތަ ކަޅުފޮށްޓަކީ ބޯޓުގައި ހިނގި ހާދިސާގެ ކުރިން ކަންހިނގާފައި ގޮތުގެ ރިޕޯޓު ތަހުގީގު ކުރާ ފަރާތްތަކަށް ލިބިގެންދާނެ ހެއްކެކެވެ.
މި ކަޅުފޮށި ފެނުމަކީ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ސްރީލަންކާގެ އިދާރާތަކުން ބުނީ މި ފެނުނު ކަޅުފޮށްޓާއެކު ބޯޓުގައި ރޯވުމުގެ ކުރިން އެބޯޓުގެ ހަރަކާތްތަކާއި ކޮލަމްބޯގެ ބަނދަރާ ދެމެދު ހިނގާފައިވާ މުއާމަލާތްތަކުގެ ތަފްސީލް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ކަނޑުގެ އަޑިން ކަޅުފޮށި ނެގުމަށް އެ ގައުމުގެ އަސްކަރިއްޔާއިން މަސައްކަތް ކުރަމުންދާކަމަށް އަސްކަރިއްޔާގެ ތަރުޖަމާނަކު މީޑިއާއަށް ބުންޏެވެ.
ސިންގަޕޫރުގައި ރަޖިސްޓްރީ ކޮށްގެން ދުއްވާ އެކްސްޕްރެސް ޕާލް ނަމަކަށް ކިޔާ އާގު ބޯޓުގައި އަލިފާން ރޯވީ މެއި މަހުގެ 20 ވަނަ ދުވަހު 25 ޓަނުގެ ނައިޓްރިކް އެސިޑް ބަރުކޮށްގެން ސްރީލަންކާގެ ބޭރުން ދަތުރު ކުރަމުން ދަނިކޮށެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ތެޔޮ ލީކްވުމުގެ ފުރުސަތު އޮވެ، ސްރީލަންކާގައި ތިމާވެށީގެ ކާރިސާއެއް ހިނގާފާނެ ކަމުގެ ބިރު އެގައުމުގެ ތިމާވެށްޓާ ބެހޭ އިދާރާތަކުން ވަނީ ފާޅުކޮށްފަ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް