ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ހާޒިރުކުރާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު، އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އެ ދެ މިނިސްޓަރުން ހާޒިރުކުރާނީ ކޮމިޓީން އެކަން ފާސްކޮށްގެން ކަމަށެވެ.

ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ވަރަށް ގިނަ މައުލޫމާތު އެއްކުރެވިއްޖެ ކަމަށާއި ކޮމިޓީގެ ރިޕޯޓް ނެރުމުން އެކަންތައްތައް އެނގިގެންދާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން މިހާތަނަށް ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ސިފައިންގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވަނީ މިހާތަނަށް އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.