ނިއު ދިއްލީ (07 ޖޫން) - ދެމަހެއްހާ ދުވަސް ވަންދެން އިންޑިއާގެ މައި ސަރަހައްދުތައް ބަންދުކޮށްފައި އޮތުމަށްފަހު އިއްޔެ އަލުން ހުޅުވާލައިފި އެވެ.
އެއާއެކު އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީގެ މަގުތައް ހަލަބޮލިވެ، ވެރިރަށް ނިއު ދިއްލީގެ ޓްރެފިކަށް ވަނީ ބާރު ބޮޑުވެފަ އެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި އެގައުމުން ފެނުނު 100،636 ކޮވިޑް ކޭސްއަކީ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުގެ ފަހުން އެ ގައުމުގައި ދުވާލެއްގެ މައްޗަށް ފެނުނު އެންމެ ދަށް އަދަދުގެ ކޭސްތަކެވެ. މެއި މަހު އެ އަދަދު އުޅުނީ 400،000 އަށް ވުރެ މަތީގަ އެވެ.
"ވައިރަހުން ސަލާމަތްވުމާއެކު އިގްތިސާދު އަލުން ފަށައިގަތުމަށް މަސައްކަތް ކުރަން ޖެހޭ،" ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރީވާލް ވިދާޅުވި އެވެ.
އިންޑިއާގެ ނިއުދިއްލީގައި މިހާރު ވަނީ ދުވަސްތަކަކަށް ބަހާލައިގެން ކޮންމެ ދުވަހަކު ވެސް ވަކި ފިހާރަތަކެއް ހުޅުވޭ ގޮތަށް ހުއްދަދީފަ އެވެ.
ނަމަވެސް ބައެއް ފިޔަވަޅުތައް އަދިވެސް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އޭގެ ތެރޭގައި ރެސްޓޯރެންޓްތަކަށް ގޮސްގެން ކެއުމާއި ސިނަމާތަކާއި ޖިމްތައް ހުޅުވިން މަނާވެފައި އޮތް އޮތުން އަދިވެސް ދެމިއޮންނާނެ އެވެ.
ކޮވިޑް-19ގެ ދެވަނަ ރާޅާއެކު އިންޑިއާގެ އިގްތިސާދަށް ވަނީ ގުޑުން އަރައި، ހުއްޓުމަކަށް އައިސްފަ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް