އިންޑިއާއިން އައްޑޫގައި ކޮންސިއުލޭޓެއް އެޅުމާ ގުޅޭ ގޮތުން ވަކިގޮތަކަށް އަދި ނިންމާފައިނުވާ ކަމަށާއި އެކަމާ މަޝްވަރާ ކުރެއްވުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ކޮންސިއުލޭޓް އެޅުމާ މެދު ރައީސްގެ ހިޔާލުފުޅަކީ ކޮބައިތޯ ސުވާލުކުރެއްވުމުން ރައީސް ސޯލިހު ވިދާޅުވީ އިންޑިއާއިން އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމުގައި ރައްޔިތުން މެދުގައި ހިޔާލު ތަފާތުވުން ތަކެއް އުޅޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެ ކަމާ މެދު ސަރުކާރުގެ ތެރޭގައި އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށާއި އެ ކަމުގައި ވަކި ގޮތެއް ސަރުކާރުން ނިންމަވާނީ ވަރަށް ބޮޑަށް ވިސްނަވާފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ އެ އުސޫލުން އިންޑިއާ ސަރުކާރުން އެ ހުށަހަޅުއްވަނީ. އަޅުގަނޑުމެން ޖެހޭނެ އެކަމާ ދޭތެރޭގައި މަޝްވަރާކޮށްފައި، އެއަށް (ގޮތެއް) ނިންމަން. އަދި މިހާތަނަށް އަޅުގަނޑުމެން ގޮތެއް ނުނިންމަން އެކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ދެ ކޮންސިއުލޭޓެއް އިންޑިއާ އަދި ސައުދީ އަރަބިއްޔާގައި ހުންނާނެ ކަމަށާއި ޑިޕްލޮމެޓިކް ގުޅުންތައް އޮންނަ ގައުމުތަކުގައި މެދުގައި ކޮންސިއުލޭޓް އެޅުން ފަދަ ކަންކަން ކުރެވިގެންދާ ކަމަށެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ނިންމީ އެ ގައުމުގެ ސަރުކާރުގެ ކެބިނެޓުންނެވެ. އެ ހުށަހެޅުން ދިވެހި ސަރުކާރާ ހިއްސާކޮށްފައިވާއިރު، މި ކަމުގައި ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ މައި ޕާޓީގެ މަޖިލިސް މެމްބަރުން އަންނަނީ އެކަމަށް ތާއީދުކޮށް ވާހަކަ ދައްކަމުންނެވެ. މިކަމުގެ ސަބަބުން ދެކުނަށް ތަރައްގީ އަންނާނެ ކަމަށާއި އައްޑޫއަށް ކުރިއެރުމާއި ތަރައްގީ ލިބިގެންދާނެ ކަމަށް ރައީސް ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.
އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުންނާއި އައްޑޫއަށް ނިސްބަތްވާ ތައުލީމީ ބޭފުޅުން ދަނީ އިންޑިއާގެ ކޮންސިއުލޭޓެއް ހެދުމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. މިކަމަކީ އިންޑިއާއިން އައްޑޫއަށް އަތް ގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އަދި ސަރުކާރާއި އިންޑިއާ ދެމެދު ވެފައިވާ އެއްބަސްވުތަން ހާމަކުރުމަށް ސަރުކާރަށް ގޮވާލަމުންދާއިރު ސަރުކާރުން ބުނަމުން އަންނަނީ އެ އެއްބަސްވުންތައް ހާމަކުރުމުން ގައުމުގެ ސަލާމަތަށް ނުރައްކާ ވެގެންދާނެ ކަމަށެވެ.
އައްޑޫއަށް އުފަން ބައެއް އިލްމުވެރ ޒުވާނުން ވެސް ހިމެނޭހެން ގިނަ ބަޔަކު ވަނީ އައްޑޫގައި އިންޑިއާގެ މާ ގިނަ ބަޔަކު ނޫޅޭއިރު އެ ގައުމުގެ ކޮންސިއުލޭޓެއް ގާއިމް ކުރުމުން އެ ސަރަހައްދުގެ ހިމާޔަތާ މެދު އުފެދިދާނެ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.
އިންޑިޔާ އިން ނިއްމީމަ އެނިއްމުން މި ސަރުކާރަކައް ބަދަލެއް ނުކުރެވޭނެ. އެކަން ރަތްޔިތުންނައް ވެސް އެނގޭ.