ސިންގަޕޫރު (09 ޖޫން) - ކޮވިޑް -19 އަށް ޓެސްޓްކުރުމަކީ އުނދަގޫ އަދި ވޭން ހުރި ކަމެކެވެ. ނޭފަތަށް ކަފަބުރެއް ލައްވައިގެން ކުރާ މި ޓެސްޓުން ސަލާމަތްވުމަށްޓަކައި މޫދަން ފުންމާލި މީހުން ވެސް އަހަރެމެންގެ ތެރޭގައި އުޅެ އެވެ.

ސިންގަޕޫރުގެ އެމް އައިޓީ އެލަޔަންސް ފޯ ރިސާޗް އެންޑް ޓެކްނޮލޮޖީގެ ސައިންސްވެރިން މި ވަނީ މިކަމަށް ހައްލެއް ހޯދައިދީފަ އެވެ. ކޮވިޑް 19 އާއި އެނޫން ވެސް ސާސްގެ ވައިރަސްތަކަށް ޓެސްޓް ކުރެވޭނެ ފަސޭހަ އަދި އަވަސް ގޮތެއް އެ ސައިންޓިސްޓުން ވަނީ އީޖާދު ކޮށްފަ އެވެ.

މި ޓެސްޓްގެ ދިރާސާތައް ހެދި ސައިންސްވެރިން ބުނިގޮތުގައި ރެޕިޑް ޑިޖިޓަލް ކްރިސްޕާ އެޕްރޯޗް (ރެޑިކާ) އުކުޅު ބޭނުންކޮށްގެން އެ މީހަކަށް ވައިރަސް ޖެހިފައި ހުރި މިންވަރު ޔަގީންކަމާއެކު ދެނެގަނެވޭނެ ކަމަށެވެ.

މީގެ އިތުރުން މި އުކުޅަކީ މިހާރު ބޭނުންކުރަމުން އަންނަ ޕީސީއާރު އުކުޅާ ހިލާފަށް ޓެސްޓްކުރަން ފަސޭހަ، އަވަސް އަދި އަގުހެޔޮ އުކުޅެކެވެ. މިގޮތަށް ހަދާ ޓެސްޓްތަކުގެ ނަތީޖާ އެއްގަޑި އިރުގެ ތެރޭގައި ލިބޭނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.

މިއާއެކު ކޮވިޑަށް ޓެސްޓްކުރުމާއި ނަތީޖާ ލިބުން އަވަސްވެ، ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތަކުގައި ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.

މި ޓެސްޓްކުރުން އުފެއްދުމުގައި ހަރަކާތްތެރިވި މާހިރުން ބުނިގޮތުގައި މިއީ ކޮވިޑްގެ އިތުރުން އެހެނިހެން ބަލިމަޑުކަން ދެނެގަތުމަށް ވެސް ކުރިއަށް އޮތް ތަނުގައި ބޭނުންކުރެވިދާނެ އުކުޅެކެވެ. --ދަ ސްޓްރެއިޓްސް ޓައިމްސް