ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކިއާރާ އަދްވާނީ މިވަނީ އޭނާ ރާއްޖޭގައި ހޭދަކުރި ޗުއްޓީ ހަނދާންވާ ކަމަށް ސޯޝަލް މީޑިއާގައި ބުނެފަ އެވެ.
ރާއްޖޭގެ އަނަންތާރާ ކިހަވަށް ރިސޯޓުގައި ހޭދަކުރި ޗުއްޓީގެ ވީޑިއޯއަކާއެކު ބުރާސްފަތި ދުވަހު އިންސްޓަގްރާމްގައި ހިއްސާކުރި އެޕޯސްޓުގައި އޭނާ ބުނީ އިރުގެ އައްޔާއި އެ އަލިން ހަންގަނޑު އަނދާ ހަނދާން ވާ ކަމަށެވެ.
ކިއާރާ އެ ޕޯސްޓްކުރުމާއެކު އޭނާގެ ސަޕޯޓަރުންނާއި އިންޑަސްޓްރީގައި މަސައްކަތްކުރާ ރަހުމަތްތެރިން ވަނީ އެ ޕޯސްޓަށް ކޮމެންޓް ކޮށްފަ އެވެ. ބޮލީވުޑުން ކިއާރާގެ ޕޯސްޓަށް ކޮމެންޓްކުރި ފަރާތްތަކުގެ ތެރޭގައި ޖެކޮލިން ފެރްނާންޑޭޒް، އާލިއާ ބަޓް އަދި ނަވްޔާ ނަންދާ ހިމެނެ އެވެ.
މީގެ އިތުރުން ވެސް ކިއާރާ ވަނީ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި އޭނާގެ މަންމައާއެކު ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާ ކޮށްފަ އެވެ.
ފިލްމް ކަބީރް ސިންގް އިން ވިދާލި ކިއާރާ އަދްވާނީ އެންމެ ފަހުން ފެނިފައި ވަނީ އިންދޫ ކީ ޖަވާނީ އިންނެވެ. އަދި ދެން އެންމެ އަވަހަށް ފެންނާނީ ކިއާރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު އަރާފައިވާ ސިދްހާތު މަލްހޯތުރާ އާއެކު ކުޅެފައިވާ ޝޭރްޝާހު އިންނެވެ.
ކާތިކް އާރްޔަން އާއެކު ފެނިގަންދާ ބޫލް ބުލައްޔާ 2ގެ މަސައްކަތް ކިއާރާ ފަށަން ތައްޔާރު ވެފައިވާއިރު އަނިލް ކަޕޫރު އާއެކު ޖަގް ޖަގް ޖީޔޯ ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތް ވެސް އޭނާ ވަރަށް އަވަހަށް ފަށާނެ އެވެ.