ކައިވެންޏަކީ އެ ގުޅުން ކާމިޔާބުކަމާއެކު ދެމެހެއްޓުމަށް ދެމަފިރިންގެ ވެސް އެއްބާރުލުމާއި މަސައްކަތް ބޭނުންވާ ގުޅުމެކެވެ. މިއަދު އަހަރުމެންގެ ދިރިއުޅުން ބައްޓަންވެފައި ހުންނަ ގޮތުން ބައިވެރިޔާއަށް ދެވޭ ވަގުތަށް ވުރެ ވަޒީފާއަށް ދެވޭ ވަގުތު ގިނަވާ ފަހަރު އާދެ އެވެ.

މިއީ ދެމަފިރިންގެ ގުޅުން ހީނަރުވުމުގެ އިތުރުން ކައިވެނި ދެމެހެއްޓުމަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ. ތިރީގައި މި ބަލާލަނީ ތިބާގެ ކައިވެންޏަށްވުރެ، ވަޒީފާއަށް ގިނަ ވަގުތު ދެވޭނަމަ ފެންނާނެ ބައެއް ކަންކަމެވެ.

ބައިވެރިޔާއަށް ވުރެ ވަޒީފާގެ ކަންކަމަށް އިސްކަން ދިނުން

އޮފީހުގެ ރަސްމީ ގަޑި ނިމި ބައިވެރިޔާއާއެކު ހޭދަކޮށްލަން ލިބޭ ވަގުތުކޮޅުގައި ވެސް، އޮފީހުގެ މަސައްކަތްތަކާއި ފޯނުތަކަށް ޖަވާބު ދިނުމަކީ ބައިވެރިޔާއަށް ތިބާގެ ވަގުތު ދެވިފައި ނުވާކަން އޭނާއަށް އިހުސާސް ކޮށްދޭ ކަމެކެވެ. އެހެން ކަމުން އޮފީސް ނިންމާލާފައި ގެއަށް އައުމަށްފަހު އޮފީހުގެ މަސައްކަތްތަކާ ދުރުވެލާށެވެ.

ވަޒީފާގެ ވާހަކަ ފިޔަވައި ދައްކާނެ އިތުރު ވާހަކައެއް ނެތުން

ދިގު ދުވަހަކަށް ފަހު ދެމަފިރިން އެކުގައި ކޮފީއެއް ބޯލަން އިށީންނަ ވަގުތު ވެސް އޮފީހުގައި ހިނގި ކަމެއްގެ ވާހަކަ ނުވަތަ މާދަމާކުރަން އޮތް މަސައްކަތެއްގެ ވާހަކަ ގިނައިން ދެކެވޭނަމަ ކައިވެންޏަށް ވުރެ، ވަޒީފާއަށް އިސްކަން ދެވެނީ އެވެ. އޭގެ ބަދަލުގައި ދެ މީހުން އެކުގައި ކޮށްލާނެ ކަމެއް ނުވަތަ ދިރިއުޅުމުގެ ވާހަކަ ދައްކާށެވެ.

ދެބަސްވުންތައް ގިނަވުން

ތިބާގެ ކައިވެންޏަށް ވުރެ ވަޒީފާގެ ކަންކަމަށް އިސްކަންދެވޭ ނަމަ ދެމަފިރިންގެ މެދުގައި ޒުވާބުކުރުން ގިނަވެ، އަރާރުންވުން އިތުރުވާނެ އެވެ. އެކަކު އެނެކަކަށް ވަގުތު ނުދެވޭ ކަމުގެ ޝަކުވާއާއި ކަންކަމުގައި ރުޅި އިސްކުރުން ގިނަވާނެ އެވެ. ވަޒީފާގެ ސަބަބުން ތިބާގެ ގުޅުމަށް ކުރާ އަސަރުތައް ދެ މީހުން އެކުގައި މަޝްވަރާކޮށް ހައްލުކުރާށެވެ.

ވަޒީފާއާ ނުލައި މިއަދުގެ ދުނިޔޭގައި އުޅެވެން ނެތްއިރު އެ ވަޒީފާގެ ސަބަބުން ދިރިއުޅުމުގެ އެހެން ކަންކަމަށް، ހާއްސަކޮށް ޒަވާޖީ ހަޔާތަށް ބުރޫ އެރިޔަ ނުދީ ތިމާގެ ވަގުތު އެކި ކަންކަމަށް އެއް ވަރަކަށް ބަހާލައިގެން އުޅުމަކީ އެންމެ ބުއްދިވެރި ގޮތެވެ.