ޣައްޒާ (16 ޖޫން) - ފަލަސްތީނާއި އިޒްރޭލްގެ ސުލްހައިގެ އެއްބަސްވުމުގެ ދަށުން ހަމަލާދިނުން ހުއްޓާލިތާ ތިން ހަފްތާވެފައި ފަހުން، އިޒްރޭލުން އަނެއްކާވެސް ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދޭން މިއަދު ފަށައިފި އެވެ.
އިޒްރޭލުން މިއަދު ފޮނުވާލި ހަމަލާތަކަކީ ފަލަސްތީނުގެ ސަރަހައްދުން އެ ގައުމަށް އަމާޒުވި ހަމަލާތަކެއްގެ ރައްދުގައި ދެވުނު ހަމަލާތަކެއް ކަމަށް އެ ގައުމުން ބުނެ އެވެ. އެ ހަމަލާތަކަކީ ހަމާސް ޖަމާއަތުގެ ހަމަލާތަކެއް ކަމަށް އިޒްރޭލުން ތުހުމަތުކުރެ އެވެ.
އިޒްރޭލު އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި އެ ގައުމުން ހަމަލާ ދިނީ ހަމާސްގެ ހަތިޔާރު އެޅި ބޭސްއަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ކޮންމެ ހާލަތަކަށް ވެސް ތަވއްޔާރުކަމަށާއި އަލުން ހަނގުރާމައެއް ފަށަން ވިޔަސް ފަސް ނުޖެހޭނެ ކަމަށް އިޒްރޭލުން ބުންޏެވެ.
މި ހަމަލާތައް ފޮނުވާފައި މި ވަނީ އިޒްރޭލުގެ އާ ސަރުކާރުގެ ބެލުމުގެ ދަށުން ދާރުއްސަލާމްގެ މަގުތަކުގައި ޔަހޫދީން އިއްޔެ ބޭއްވި ހިނގާލުމަކާ ގުޅިގެން މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ފާއިތުވި މެއި މަހު ކުރިއަށް ދިޔަ ހަމަލާ ބަދަލުކުރުންތައް 11 ދުވަހަށް ދެމިގެން ގޮސްފައިވެ އެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 260 އަށްވުރެ ގިނަ އާއްމުން ޝަހީދުވެފައިވެ އެވެ.
އިޒްރޭލުގެ ހަމަލާތައް ޔަގީން ކޮށްދެމުން ހަމާސް ޖަމާއަތުގެ ތަރުޖަމާނަކު ބުނީ ފަލަސްތީނުގެ ބިމާއި އެ ބިމުގެ މިނިވަންކަން ދިފާއު ކުރުމަށް އެ ޖަމާއަތުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. -- އަލް އަރަބިއްޔާ