ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަގާމަށް މީހުން ހޯދަށް ސިވިލްސާވިސް ކޮމިޝަނުން އިއުލާން ކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފަސް އަހަރުގެ މުއްދަތަށް ހަމަޖައްސާ މި މުވައްޒަފުންގެ އަސާސީ މުސާރައަކީ، 9،300 ރުފިޔާ ކަމަށާއި، އަދި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 6،800 ރުފިޔާ ލިބޭނެ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރަށު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ބެޗެލާސް ޑިގްރީއެއް އޮތުމާއެކު މަގާމުގެ މަސައްކަތާގުޅޭ ހަތަރު އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށެވެ. ނުވަތަ މާސްޓާސް ޑިގްރީއެއް އޮތުމާއެކު މަގާމުގެ މަސައްކަތާގުޅޭ ދެ އަހަރު ދުވަހުގެ ތަޖުރިބާއާއެކު ވެސް މަގާމުގެ ޝަރުތު ހަމަވާނެ އެވެ.

އަތޮޅު ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބެޗެލާސް ޑިގްރީއެއް އޮތުމާއެކު މަގާމުގެ މަސައްކަތާގުޅޭ ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ ކުރިމަތިލެވޭނެ އެވެ. ނުވަތަ މާސްޓާސް ޑިގްރީއެއް އޮތުމާއެކު މަގާމުގެ މަސައްކަތާގުޅޭ ހަތަރު އަހަރު ދުވަހުގެ ތަޖުރިބާއާއެކު ވެސް މަގާމުގެ ޝަރުތު ހަމަވާނެ އެވެ.

ސިޓީ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލެވޭނީ ބެޗެލާސް ޑިގްރީއެއް އޮތުމާއެކު މަގާމުގެ މަސައްކަތާގުޅޭ 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. ނުވަތަ މާސްޓާސް ޑިގްރީއެއް އޮތުމާއެކު މަގާމުގެ މަސައްކަތާގުޅޭ ހަ އަހަރު ދުވަހުގެ ތަޖުރިބާއާއެކު ވެސް މި މަގާމަށް ކުރިމަތިލެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެ އެވެ.

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް 20،500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާއާއެކު ޖުމްލަ 3،5500 ރުފިޔާ ލިބޭނެ އެވެ. އަދި އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް 12،130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 8،870 ރުފިޔާއާއެކު ޖުމްލަ 21،000 ރުފިޔާ ލިބޭނެ އެވެ. ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މުސާރައަކީ 9،300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި ދޭ 6،800 ރުފިޔާއާއެކު ޖުމްލަ 16،100 ރުފިޔާ އެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކާއި، މަގާމަށް މީހަކު އައްޔަނުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓުގައި ވަނީ އާއްމުކުރައްވާފަ އެވެ. ރާއްޖޭގެ 178 ރަށު ކައުންސިލަކާއި، 18 އަތޮޅު ކައުންސިލެއްގެ އިތުރުން ހަތަރު ސިޓީ ކައުންސިލް ހިމެނޭހެން މި މަގާމަށް ޖުމްލަ 200 މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 28 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ކޮވިޑްގެ ހާލަތާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައި ވަނީ އޮންލައިންކޮށެވެ. އެގޮތުން ސީއެސް ވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށާއި، އެނޫން ގޮތަކަށް މަގާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލުތައް ހިމެނޭހެން ޖުމްލަ 200 ކައުންސިލް އިދާރާއަކަށް ސެކްރެޓަރީ ޖެނެރަލުން ނެގުމަށް އެ ކޮމިޝަނުން ވަނީ ނިންމަވާފަ އެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ކައުންސިލް އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން ކައުންސިލް އިދާރާގެ އިދާރީ އެންމެހާ ކަމެއް ބެލެހެއްޓުމާއެކު މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހޭނީ އެ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލެވެ.