އައްޑޫގައި ކާޅު އާލާވެ، ދޮންދީނިގެ ނަސްލު ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ހުރަހެއް ނެތް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން އައްޑޫ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައި ވަނީ، ކޮން ބައެއްކަން ނޭނގޭ ބަޔަކު އައްޑޫ ސިޓީގެ އަވަށްތަކަށް ކާޅުތަކެއް ދޫކުރުމުގެ ސަބަބުން، އެ ކާޅުތަކުގެ ނުރައްކާ ދޮންދީނިތަކަށް ކުރިމަތިވާކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ސޮއިކުރައްވައި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގަށް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ކާޅަކީ އައްޑޫގައި އާންމު ގޮތެއްގައި އުޅޭ ބާވަތުގެ ދޫންޏަކަށް ނުވާތީ އަދި އޭގެ ސަބަބުން އުނދަގުލަކަށް ވާނަމަ އެއީ ޕެސްޓެއްގެ ގޮތުގައި ބަލާ އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅިދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ޓ) ގައި ވާ ފަދައިން ޕެސްޓް ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމުގައި ކަނޑައަޅާ އެކަމެއް އެގޮތަކަށް ކުރުމަށް މިނިސްޓްރީގެ އިއުތިރާޒެއް ނެތް ކަމަށް ސިޓީގައި ބުނެފައިވެ އެވެ. އަދި ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކާ އަމަލުކުރަން ގަސްދުކުރާ ކަމެއް ތަންފީޒު ކުރުމަށް ސަރުކާރުގެ އެއްވެސް އިދާރާއެއްގެ އެހީތެރިކަން ބޭނުންވާނަމަ ކަމާބެހޭ ފަރާތްތަކަށް ލިޔުއްވައި އެހީތެރިކަން ހޯދުމަށް ވެސް ވަނީ އެދިފައެވެ.

މީގެއިތުރުން ޕެސްޓް ކޮންޓްރޯލް ކުރުމުގެ ގޮތުން އައްޑޫގައި ދިރިއުޅޭ ކާޅުތަކާއި މެދު އަމަލުކުރާ ގޮތުގެ މައުލޫމާތު އީޕީއޭ އަށް ދިނުމަށާއި ޕެސްޓް ކޮންޓްރޯލް ކުރުމަށް ހިންގާ ހަރަކާތް މޮނީޓާ ކުރަން އީޕީއޭ އިން ބޭނުންވާނަމަ އެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ދޮންދީންޏަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހިމާޔަތް ކުރި އެއް ދޫންޏެވެ. އެ ދޫނި ރާއްޖޭގައި އެންމެ ގިނައިން ފެންނަނީ އައްޑޫންނެވެ.