"ކޮމާންޑޯ 3" ން ފެނިގެންދިޔަ އަންޖިރާ ދަރް އާއި ޑައިރެކްޓަ އަދި އެކްޓަރު އާނަންދު ކުމާރުއާ ސިއްރުގޮތެއްގައި ބޭއްވި ކުޑަ ހަފްލާއެއްގައި ކައިވެނިކޮށްފި އެވެ.

އާނަންދުއާ އަންޖިރާ ވަނީ މީގެ ކުރިން "ލަވް ޕަ ސުކެއަ ފޫޓް" އަދި"ބޭންގް ބާޖާ ބާރާތް"ގައި އެކުގައި މަސައްކަތްކޮށްފަ އެވެ.

ދެ ތަރިން ވެސް އިންސްޓަގްރާމްގައި ޕޯސްޓުކުރި ފޮޓޯއަކުން ވަނީ ކައިވެނި ކުރިކަން އިއުލާން ކޮށްފަ އެވެ.

އެ ޕޯސްޓުގައި ލިޔެފައިވަނީ އާނަންދުއާ އަންޖިރާ އެ މީހުންގެ މިއަހަރުގެ އޭޕްރީލް 30 ވަނަ ދުވަހު އާއިލާ އާއި ރަހުމަތްތެރިންގެ ހާޒިރުގައި ބޭއްވި ކުޑަ ހަފްލާއެއްގައި އެ ދެ މީހުން ކައިވެނި ކޮށްފައިވާކަން އިއުލާނުކުރާ ކަމަށެވެ.

ސަޕޯޓަރުން ބުނިގޮތުގައި މި ހަބަރު ގިނަ ބަޔަކު ސިއްސުވައިލިއިރު އޭގެ ސަބަބުން ގިނަ ބައެއްގެ ހިތްތައް ވެސް ކުދިކުދި ވެގެންދާނެ އެވެ.

މި ހަބަރު ވެގެން ދިޔައީ ބޮލީވުޑްގެ ތަރިންނަށް ވެސް ސިހުން ލިބިގެންދިޔަ ހަބަރަކަށެވެ. އެގޮތުން ގިނަ ތަރިން ވަނީ ހައިރާނަވެގެން ދިޔަ ކަމަށް ފާހަގަކޮށް، މި ދެ ތަރިނަށް ތަހުނިޔާ ކިޔާފަ އެވެ. އޭގެ ތެރޭގައި އަޔުސްމާން ކުރާނާ، އަނަންނިޔާ ޕާންޑޭ އަދި ވީރު ދާސް ހިމެނެ އެވެ.

އާނަންދު ކުޅެފައިވާ ފިލްމުތަކަށް ބަލާއިރު "އުޑާން"، "ކައިޓްސް"، "ގޯ ގޯއާ ގޯން" "ނެއިލް ޕޮލިޝް" ފާހަގަ ކޮށްލެވެ އެވެ. މީގެ އިތުރުން އާނަންދު ވަނީ އެމަޒޯން ޕުރައިމް ވީޑިއޯގެ މިއުޒިކް ލޯބީގެ ޑުރާމާއެއް ކަމަށްވާ ބަންޑިޝް ބަންޑިޓްސް ޑައިރެކްޓްކޮށްފަ އެވެ.

އަންޖިރާ ދެން ފެނިގެންދާނީ އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ފިލްމު މޭ ޑޭ އިންނެވެ.