ކިންގު އޮފް ބޮލީވުޑް ޝާހުރުކް ޚާން 29 އަހަރު ބޮލީވުޑްގައި ފުރިހަމަކޮށްފައިވާއިރު، މިދިޔަ ހުކުރު ދުވަހު އޭނާ ވަނީ ޓުވިޓާގައި ސަޕޯޓަރުންގެ ފަރާތުން މެދުކެނޑުމެއް ނެތި ލިބޭ ލޯތްބާއި ތާއީދަށް ޝުކުރުއަދާ ކޮށްފަ އެވެ.

ފިލްމު ދީވާނާއިން 1992 ވަނަ އަހަރު ބޮލީވުޑްއަށް އެސްއާރުކޭ ނިކުތްއިރު އޭނާ ވަނީ ޑަރް، ބާޒީގަރް އަދި އަންޖާމް ފަދަ ފިލްމުތަކުގައި ވިލަންއެއްގެ ބައިކުޅެންގެން ވެސް ބެލުންތެރިންގެ ބޮޑު ތާއީދެއް ހޯދައިފަ އެވެ. ނަމަވެސް ޝާހު 1995 ވަނަ އަހަރު ކުޅުނު ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭންގޭ" އާއެކު ކިންގް އޮފް ރޮމޭންސްގެ ލަގަބު ލިބިގެންދިޔަ އެވެ.

މި ފިލްމަށް 25 އަހަރުވިއިރު މުމްބާއީގެ މަރާޓާ މަންދިރު ތިއޭޭޓާގައި މިއަދާ ހަމައަށް ވެސް ގަވައިދުން އެ ފިލްމް އަޅުވަ އެވެ. ނަމަވެސް ގިނަބަޔަކަށް ނޭނގޭ ހަގީގަތަކީ ޝާހުރުކް ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭންގޭ ކުޅެން ހަތަރު ފަހަރަށް އިންކާރު ކުރިކަމެވެ.

ރޮމެންޓިކް ހީރޯއެއްގެ ބައިކުޅެން އޭނާ މުސްކުޅިވެއްޖެ ކަމަށް ބުނެ މި ފިލްމައް އޭނާ ނޫނެކޭ ބުނީ އެވެ.

އެއްވެސް އިރެއްގައި ރޮމެންޓިކް ހީރޯއަކަށް ވާން ބޭނުން ނުވާ ޝާހުރުކް ފިލްމީ ދާއިރާއަށް ނިކުންއިރު އުމުރަކީ އެންމެ 26 އަހަރެވެ. އާންމުކޮށް ލޯބީގެ ފިލްމުތަކުގައި ފެންނަނީ ކޮލެޖުން ލޯބިވެގެން ގެއިން އަންހެން ކުއްޖާ ގޮވައިގެން ފިލުން ނޫނީ އަމިއްލަޔަށް މަރުވާ މަންޒަރުކަމަށް ވެފައި، އެބައި ކުޅެން މާ މުސްކުޅީ ކަމަށް އޭނާ ބުންޏެވެ.

ފަނަސާސް ފަސް އަހަރުގެ ބޮލީވުޑް ސުޕަސްޓާ ބުނިގޮތުގައި ނެގެޓިވް ރޯލްތަކުން މަޝްހޫރުކަން ހާސިލްވިއިރު، އެ ރޯލްތަކުން މަގުބޫލްކަން އިތުރުވެގެންދިއުމުން އެ ކަހަލަ ރޯލްތައް ކުޅުމަށް ޝައުގުވެރިވެ އެވެ.

އޭނާ ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭންގޭގައި ރާޖްގެ ބައިން ފެނިގެން ނުދިޔަނަމަ "ޕަލަޓް؛ ޕަލަޓް؛ ޕަލަޓް..." މި ޑައިލޮގް އެހެން މީހަކަށް އެ ގޮތުގައި ބުނެވުނީސް ހެއްޔެވެ؟