ސިންގަޕޫރު (30 ޖޫން) - ކޮވިޑް -19ގެ ޑެލްޓާ ވޭރިއަންޓާއެކު ގައުމުތަކުގައި ކޮވިޑް ފިޔަވަޅުތައް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ސިންގަޕޫރުގެ ކޮވިޑް ޓާސްކް ފޯސްއިން އާ ސިޔާސަތުތަކެއް ތަންފީޒުކުރަން ހުށަހަޅައިފި އެވެ.

މި ސިޔާސަތުގެ ދަށުން އެ ގައުމުގައި ކޮވިޑް ކޮންޓްރޯލްކުރުމަށްް އަޅާފައިވާ ގިނަ ފިޔަަވަޅުތަކަކަށް ލުއި ދެވޭނެ އެވެ. އެގޮތުން އެ ގައުމުގައި އޮތް ފުރަބަންދު އުވާލައި، ކޮންޓެކްޓް ޓްރޭސިން ވެސް ހުއްޓުމަކަށް ގެނައުމަށް ވަނީ ހުށަހަޅައިފަ އެވެ. މީގެ އިތުރުން ދުވާލެއްގެ މައްޗަށް ކޮވިޑްގެ ކޭސްތައް ފެންނަ އަދަދު ގުނުން ހުއްޓާލުމަށް ވެސް އެ ސިޔާސަތުގައި ހުށަހަޅާފައިވެ އެވެ.

ސިންގަޕޫރުގެ ޓްރޭޑް މިނިސްޓަރު ގަން ކިމް ޔޮންގް ބުނި ގޮތުގައި ކޮވިޑް ދުނިޔެއިން މުޅިން ނައްތާލެވުން ދުރު ކަމަށާއި އެހެން ނަމަވެސް މި ބަލިމަޑުކަމާއެކު ވެސް އާއްމު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މި ސިޔާސަތުގައި އެންމެ މުހިއްމު ކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ހުށައަޅާފައި ވަނީ އެ ގައުމުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމްތައް ފުޅާ ކުރުމަށެވެ. ސިންގަޕޫރުގެ ސަރުކާރުން ވަނީ އެގައުމުގެ އާބާދީގެ ތިންބައިކުޅަ ދެބަޔަށް އޮގަސްޓް މަހުގެ 9 ދުވަހުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް އަމާޒު ހިފާފަ އެވެ.

އެ ގައުމުގެ ސަރުކާރުން އިތުރަށް ބުނީ އިތުރު ވޭރިއަންޓްތަކާއެކު ވެކްސިންގެ ބޫސްޓާ ޝޮޓެއް ކުރިއަށް އޮތް ތަނުގައި ދިނުން ބޭނުން ޖެހިދާނެ ކަމަށެވެ.

ސިންގަޕޫރަކީ މިހާތަނަށް ކޮވިޑް -19 ކޮންޓްރޯލްކުރުމުގައި ދުނިޔޭގެ ނިސްބަތުން އެންމެ ކާމިޔާބު އެއް ގައުމުކަމަށް ބުނެވިދާނެ އެވެ. -- ސީ އެން އެން