އުދުހޭ ކާރުތަކުގައި ދަތުރުކުރުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ކުޑައިރު ދެކެފައިވާ ހުވަފެނެކެވެ. ފިލްމުތަކުންނާއި ޚިޔާލުތަކުން މީގެ ކުރިން އާއްމުކޮށް ފެންނަ މި ޓެކްނޮލޮޖީ މިއަދު މިވަނީ ހަގީގަތަަކަށްވެފަ އެވެ.

ސޮލަވާކިވާގެ ނިޓްރާއާއި ބްރަޓިސްލާވާގެ ދެ އެއާޕޯޓް ދެމެދުގައި ޕްރޮޓޯޓައިޕް އުދުހޭ ކާރެއް މިވަނީ 35 މިނެޓުގެ ދަތުރެއްކޮށް ދުނިޔޭގެ އެފަދަ އެންމެ ފުރަތަމަ ދަތުރުގެ މަގާމު ހޯދާފަ އެވެ.

އެއާ ކާރުގެ ނަމުން ނަން ދީފައިވާ މި ހައިބްރިޑް ކާރަކީ ބީއެމްޑަބްލިއުގެ އިންޖީނަކާއެކު ޕެޓްރޯލް އަޅައިގެން އުދުހޭ އުޅަނދު، އެއްގަމުގައި ދުއްވާ ކާރަކުން އުދުހޭ އުޅަނދަކަށް ބަދަލުވުމަށް ނަގަނީ އެންމެ 15 ސިކުންތެވެ.

މިކާރުގެ އުފެއްދުންތެރިޔާ ޕްރޮފެސަރު ސްޓެފަން ކްލެއިން ބުނެފައި ވަނީ މި އުޅަނދަށް 8،200 ފޫޓު އުސްމިނުގައި 1،000 ކިލޯމީޓަރަށް އުދުހުމުގެ ގާބިލުކަން ލިބިފައިވާނެ ކަމަށެވެ. އެއީ ވައިގެ ތެރޭގައި ގާތްގަނޑަކަށް 40 ގަޑިއިރުގެ ދަތުރެކެވެ.

މި އުޅަނދުގައި ދެ މީހުންނަށް ދަތުރު ކުރެވޭއިރު ޖުމްލަ 200 ކިލޯ އުފުލޭނެ އެވެ. އުޅަނދުގެ އެންމެ ބާރު މިނުގައި ގަޑިއަކު 170 ކިލޯމީޓަރަށް ދަތުރު ކުރާނެ އެވެ.

މި ކާރަށް އެމެރިކާއިން އެކަނިވެސް 40،000 އަށްވުރެ ގިނަ އޯޑަރު ލިބިފައި ވާއިރު، ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި އުޅައނދަށް އޮތް ޑިމާންޑް އިތުރުވެގެން ދާނެ ކަމަށް ލަފާ ކުރެވެ އެވެ.