ވިކީ ކޮއުޝަލްގެ ނަން މިދުވަސްކޮޅު ފަލަ ސުރުހީތަކުގައި ގިނަވެފައި ވަނީ އޭނާ އާއި ކެޓްރީނާ ކެއިފްއާ ދެމެދު އޮތް ގުޅުމަ ބެހޭގޮތުން ކަމުގައިވީ ނަމަވެސް، މިފަހަރު ވިކީ ހަބަރަށް އަރާފައި މިވަނީ އޭނާ ގަތް ކާރުގެ ސަބަބުންނެވެ. ވިކީ ގަނެފައިވަނީ ދެ ކުރޯޑު (268,520.00 ޑޮލަރު)ގެ އަގުހުރި އެސްޔޫވީއެއް ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

ރާޒީގެ އެކްޓަރު ވަނީ އިސްޓަގްރާމްގައި ކާރު ކައިރި މަޑު ކޮށްލައިގެން ނަގާފައިވާ ފޮޓޯއެއް ޝެއާކޮށްފަ އެވެ. އޭނާގެ ގިނަ ސަޕޯޓަރުންނާއި ރަހުމަތްތެރިން ވަނީ މަރުހަބާ ކިޔައި، ކާރަށް ތައުރީފް ކޮށްފަ އެވެ. އޭގެ ތެރޭގައި ޑައިރެކްޓަ އަދިތްޔަ ދަރް ސޯފީ ޗައުދަރީ އަދި ސަޔާނީ ގުޕްތާ ހިމެނެ އެވެ.

ރިޕޯޓެއްގައިވާ ގޮތުގައި ވިކީގެ ލޭންޑް ރޯވާގެ ރޭންޖް ރޯވާ ފަސް ސީޓްގެ ކާރުގެ އަގު 2.10 ކުރޯޑްއާ 4.38 ކްރޯޑާ ދެމެދު އަގަކަށް އަރާނެ އެވެ.

ހަމަ މިއާއެކު ވިކީއާ ކެޓްރީނާގެ ވާހަކަތައް ވެސް މީޑިއާގައި ދެކެވޭލެއް މަދެއް ނޫނެވެ. ވިކީ އެކި ފަހަރު މަތިން ކެޓްރީނާ ގެއަށް ވަދެ ނުކުމެ ހަދާތަން ދަނީ ފެންނަމުން ނަމަވެސް އަދި މިކަމާ ދެ ތަރިންވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް ސޯނަމް ކަޕޫރުގެ ކޮއްކޮ ހަރްސް ވަރުދަން ކަޕޫރު ޒޫމް އޯއަކަށް ދިން އިންޓވިއުއެއްގައި ވަނީ މި ދެ ތަރިން ގުޅިގެން އުޅޭކަން ޔަަގީންކޮށްދީފަ އެވެ.