ހަށިގަނޑުގައި ތަދު އިހްސާސްވާ ތަންތަނުގައި ބޮނޑިތާންކުރުމަކީ ތަދަށް ގޭގައި ދެވޭނެ އެންމެ ރަނގަޅު އެއް ފަރުވާ އެވެ. ތަދުގެ އެކި ވައްތަރުތައް ހުންނަ އިރު ބޮނޑިތާން ކުރުމުގައި ތަދުން އެންމެ އަވަހަށް ލުއި ލިބޭނެ ގޮތަކަށް ބޮނޑިތާން ކުރުން މުހިއްމެވެ.
އެގޮތުން ތަދު ފިލުވުމަށް ޓަކައި ހޫނު ފެނުން ބޮނޑިތާން ކުރަންވާ ހާލަތްތަކާއި ފިނިފެނުން ބޮނޑިތާން ކުރަންވީ ވަކި ހާލަތްތަކެއް ހުރެ އެވެ.
ހޫނު ފެނުން ބޮނޑިތާން ކުރުމަކީ ތަދުވާ ތަނަކަށް ލޭ ދައުރުވުން އިތުރު ކޮށްދޭ ކަމެކެވެ. ތާފަނާ ފެނުން ބޮނޑިތާން ކުރުމުން ވޭން އަޅާ ތަނެއްގެ މަސްތަކާއި ކަށިތަކަށް ރާހަތް ގެނުވައިދެ އެވެ. އެހެން ކަމުން ހޫނު ފެނުން ބޮނޑިތާން ކުރަންވީ ހާލަތްތަކުގެ ތެރޭގައި އަތްފައި ފުރޮޅުމާއި ހުޅުތަކުގައި ރިއްސާ ރިއްސުމުގެ އިތުރުން ކަސްރަތު ކުރުމުގެ ކުރިން މަސްތައް ހޭނުވުން ފަދަ ލޭ ދައުރުވުން ބޭނުންވާ ހާލަތްތައް ހިމެނެ އެވެ.
އެއާ ޚިލާފަށް ފިނިފެނުން ބޮނޑިތާން ކުރުމަކީ އެ ތަނަކަށް ލޭ ދައުރުވުން ދަށް ކޮށްދީ ދުޅަވުން ކުޑަކޮށްދޭ ކަމެކެވެ. އެހެން ކަމުން ލޭ ދައުރުވުން ދަށްކުރަން ބޭނުންވާ ހާލަތްތަކުގައި ބޮނޑިތާން ކުރަން ޖެހޭނީ ފިނި ފެނުންނެވެ. އެފަދަ ހާލަތްތަކުގެ ތެރޭގައި ކުއްލި އަނިޔާތަކާއި މައިގްރޭންގެ އިތުރުން ކަސްރަތު ކުުރުމަށްފަހު މަސްތަކަށް އަރާމު ގެނުވުން ހިމެނެ އެވެ.
ހޫނު ފެނާއި ފިނިފެނަކީ މުޅިން ތަފާތު އަސަރެއް ގެނުވައިދޭ ދެބާވަތަކަށް ވުމާއެކު ހާލަތާ އެކަށޭނަ ވާގޮތުން ބޮނޑިތާން ކުރާނެ ގޮތެއް ޚިޔާރު ކުރުން އެއީ ބޮނޑިތާންކުރުމުގެ އަސަރު އަވަހަށް ފެންނާނެ ކަމެކެވެ.