ކޮވިޑް-19ގެ މި ދަނޑިވަޅަކީ ވަރަށް ގިނަ ފަރާތްތަކަށް މާލީ ގޮތުން ގިނަގުނަ ދަތިތަަކަކާ ކުރިމަތިލާން ޖެހިފައިވާ ވަގުތެކެވެ. ޓީވީ އާއި ފިލްމު އިންޑަސްޓުރީގެ ގިނަ ބަޔަކަށް މާލީ ގޮތުން ދަތިތަކަކާ ކުރިމަތިވެ މަސައްކަތެއްް ނެތިފައި ތިބި ވަގުތެކެވެ.

ކުރީގެ މަޝްހޫރު ޓީވީ އަދި ފިލްމުތަކުން ފެނިފައިވާ އެކްޓްރެސް ޝަގުފްތާ އަލީ ވެސް ހުރީ ހަތަރު އަހަރު ވަންދެން މަސައްކަތެއް ނެތި އެވެ. އަދި އޭގެ އިތުރުން މިހާރު ވަނީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެ މާލީ ގޮތުން ހާލުގައި ޖެހިފަ އެވެ. ސަގުފްތާ ވަނީ "އިންޓަނޭޝަނަލް ކިލާޑި"، "ހީރޯ ނަންބަރު 1" އަދި "ލައިލާ މަޖުނޫން" ފަދަ ބޮލީވުޑް ފިލްމުތަކުން ފެނިގެން ދިޔައިރު "ސަސުރާލް ސިމަރްކާ"، "ސާތު ނިބާނާ ސާތިޔާ" އަދި "ބޭޕަނާ ޕިޔާރު" ފަަދަ ޓީވީ ސީރިއަލް ތަކުން ބެލުންތެރިން މަގުބޫލްކަން ހޯދާފަ އެވެ.

ސްޕޮޓްބޮއިއަށް ދިން އިއްޓަވިއުއެއްގައި ޝަގުފްތާ ވަނީ އުރަމަތީ ކެންސަރު ޖެހިފައިވާ ކަމަށާއި ކެންސަރުގެ ތިން ވަނަ ސްޓޭޖްގައި ހުރިއިރު، އެކަމާ ދެކޮޅަށް އޭނާ ކުރަމުން އަންނަ ހަނގުރާމަ އާ ބެހޭ ގޮތުން ވެސް ވަނީ ވާހަކަ ދައްކާފަ އެވެ.

"ވޭތުވެގެން ދިޔަ ވިހި އަހަރު ވެސް އަހަރެން އުޅުނީ ވަރަށް ބަލިކޮށް. އޭރު ޒުވާން ދުވަސްވަރު ވީމާ އެހާ ބޮޑު ކަމަކަށް އެކަމެއް ނުހަދަން. އެހެން ނަމަވެސް މިހާރު ކެންސަރުގެ ތިން ވަނަ މަރުހަލާގައި ހުރިއިރު އަހަރެން ވަނީ ވަރަށް ބޮޑު އޮޕަރޭޝަނެއް ކޮށްފައި. ކޮޕަރޭޝަނަށް ފަހު ވެސް 17 ދުވަސް ފަހު ފިލްމުގެ ސޫޓިންއަށް ވެސް އަހަރެން ވާނީ ގޮސްފައި. އެއީ އެކަމަށް އަހަރެން އޮންނަ ލޯބެއްގެ ސަބަބުން،" ސަގުފްތާ ދިން އިއްޓަވިއުގައި ވަނީ ބުނެފަ އެވެ.

ކެންސަރު ބަލީގެ އިތުރުން ހަކުރު ބަޔަށް ވެސް އޭނާ އަންނަނީ ފަރުވާ ހޯދަމުންނެވެ. އެ ބަލީގެ ސަބަބުން ފައިގައި ރިއްސާ ލޮލުގެ ފެނުމަށް ވެސް އަސަރުކޮށްފައިވާ ކަމަށް ސަގުފްތާ ބުންޏެވެ. އަދި މިހާރު ބޭސް ފަރުވާއަށް ހަރަދުކުރާކަން އެއްވެސް ލާރިއެއް ނެތް ކަމަށާއި މިކަމުގައި އެހީތެރިކަން އޭނާ ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ.