ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ދިލިޕް ކުމާރު މަރުވެއްޖެ އެވެ.

އުމުރުން 98 އަހަރުގެ އެކްޓަރު ދިލިޕް މިއަދު ހެނދުނު މަރުވީ މުމްބާއީގެ މުމްބާއީ ހިންދޫޖާ ހޮސްޕިޓަލްގައި ދިގު މުއްދަތަކަށް ބޭސް ކުރަންޖެހޭ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

މި މަހުގެ ކުރީކޮޅު ވެސް ދިލިޕްކުމާރު ނޭވާލާން އުނދަގޫވުމާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު، އޭރު ޑޮކްޓަރުން ވަނީ އޭނާގެ ފުއްޕާމޭގައި ފެން ހެދިފައިވާ ކަމަށް ބުނެފަ އެވެ.

ދިލިޕް މަރުވި ވާހަކަ އާއިލާ އިން ޓްވީޓްކުރުމާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ހިތާމަފާޅުކޮށް އާއިލާ އަށް ތައުޒިޔާ ކިޔާފައިވެ އެވެ. އަދި އިންޑިއާގެ ފިލްމީ ދާއިރާގެ އެތައް ބަޔަކާއި އާންމުން އަންނަނީ ދިލިޕްގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

ދިލިޕްއަކީ ބޮލީވުޑަގެ ރަންޒަމާނުގައި ފާހަގަ ކޮށްލެވޭ ތަރިއަކަށްވާއިރު އޭނާ ވަނީ ކާމިޔާބު އެތަކެއް ފިލުމެއްގައި ހަރަކާތްތެރިވެފަ އެވެ. އެގޮތުން ދިލިޕްގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި "ނަޔާ ދައުރު"، "ޖުގްނޫ"، "ދާގް"، "އާޒާދު"، "އަންދާޒް" "އަދި "ރާމް އޯރް ޝާމް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ދިޕިލް އެންމެ ފަހުން ފެނުނު ފިލްމަކީ 1998 ގެ "ގިލާ" އެވެ.