ޕްރޮޓީންސް އަކީ އަހަރެމެންގެ ހަށިގަނޑު ދުޅަހެޔޮކަން މަތީ ހުރުމަށް ބޭނުންވާ ވަރަށް މުހިއްމު މައުދަނެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޕްރޮޓީން ގިނަ ކާނާ ބޭނުންކުރާ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެފައި އުމުރު ދިގުވެ އެވެ.
ޕްރޮޓީންސްއަކީ ހަށިގަނޑަށް އެހާ މުހިއްމު މާއްދާއަކަށް ވާއިރު، ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވަނީ ކިހާ ޕްރޮޓީންސް އެއްތޯ އެއީ އުފެދޭ ސުވާލެކެވެ. ދުވާލެއްގެ މައްޗަށް ހަށިގަނޑަށް އެތެރެވާ ކެލޮރީސްގެ 10 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގެ ކެލޮރީސްއަކީ ޕްރޮޓީންސްއިން ލިބޭ ކެލޮރީއަށް ވާން ޖެހެ އެވެ. އެއީ ސިއްހަތު ރަނގަޅު މީހަކަށް ނަމަ ކޮންމެ ކެއުމަކަށް 20-30 ގްރާމް ޕްރޮޓީންސް އެވެ.
ޕްރޮޓީންސް ހަށިގަނޑަށް ލިއްބައިދޭ ކާނާތަކުގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަ ކޮށްލެވޭ ބާވަތަކީ މަހުގެ ބާވަތްތަކެވެ. އެގޮތުން "ރެޑް މީޓް"ގެ ގޮތުގައި ބެލެވޭ މަހުގެ ބާވަތްތަކަކީ ޕްރޮޓީންސް މުއްސަނދި ބާވަތް ތަކެވެ. އޭގެ އިތުރުން ޗީޒް އާއި ޔޯގަޓް ފަދަ ބާވަތްތަކަކީ ވެސް ޕްރޮޓީންސް ލިބޭ ބާވަތްތަކެކެވެ.
ހަށިގަނޑުގައި ޕްރޮޓީންސް ހުންނަ ވަރު މަދުކޮށްދޭ ސަބަބުތަކުގެ ތެރޭގައި ކެއިން ބުއިމުގައި އެކަށީގެންވާ ވަރަށް ޕްރޮޓީންސް ނުހިމެނުމުގެ އިތުރުން ދިފާއީ ނިޒާމުގެ ބައެއް ބަލިތައް ހިމެނެ އެވެ. ބޭނުންވާ ވަރަށް ވުރެ މަދުން ހަށިގަނޑަށް ޕްރޮޓީންސް ލިބޭނަމަ އެކަމުގެ އަލާމާތްތައް ހަށިގަނޑުން ފެންނާނެ އެވެ. އޭގެ ތެރޭގައި އަވަހަށް ވަރުބަލިވުމާއި ބަނޑު ފުއްޕުމުގެ އިތުރުން އިސްތަށި ފޭބުން ހިމެނެ އެވެ.
ޕްރޮޓީންސް އެކަށޭނަ ވަރަށް ނުލިބޭނަމަ އެތެރެ ހަށީގެ ގުނަވަންތަކަށް އޭގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ބޮޑުވެ އެވެ
.މި އަލާމާތްތަކުން އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. އަދި ކެއިން ބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނައުން ވެސް އެއީ ކުރެވިދާނެ ކަމެކެވެ.