ސިޑްނީ (07 ޖުލައި) - ކޮވިޑް -19ގެ އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ވޭރިއަންޓް ކަމަށްވާ ލަމްޑާ ވޭރިއަންޓް އެންމެ ފަހުން އޮސްޓްރޭލިއާއިން ވެސް ފެނިއްޖެ އެވެ.

އެ ގައުމުގެ ހޮޓެލް ކަރަންޓީނުގައި ފާއިތުވި އޭޕްރިލް މަހު ހުރި މީހެއްގެ ހަށިގަނޑުން އެ ވޭރިއަންޓް ފެނިފައިވުމާއެކު ލަމްޑާ ވޭރިއަންޓް ފެނިފައިވާ ގައުމުތަކުގެ އަދަދު ވަނީ 31 އަށް އިތުރުވެފަ އެވެ.

މި ވޭރިއަންޓް އުފެދުނީ ފާއިތުވެ ދިޔަ ހޫނު މޫސުމުގައި ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޕެރޫގަ އެވެ. އެއާއެކު އެ ވޭރިއަންޓް މުޅި ގައުމަށް ފެތުރި ޖުމްލަ ކޭސްތަކުގެ 81 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.

މި ވޭރިއަންޓަކީ އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއަންޓް އަށްވުރެ ވެސް އެތައް ގުނައެއް ހަލުވި ކަމާއެކު ފެތުރޭ ވޭރިއަންޓެއް ކަމަށް ޑޮކްޓަރުން ދަނީ ބުނަމުންނެވެ.

އެހެން ނަމަވެސް ކޮވިޑް ދިރާސާތައްކުރާ ސައިންސްވެރިން ބުނާ ގޮތުގައި ލަމްޑާ ވޭރިއަންޓަކީ ޑެލްޓާ ވޭރިއަންޓަށްވުރެ ހަލުވިކަމާއެކު ފެތުރޭ ވޭރިއަންޓް އެއްކަން ނުވަތަ އެ ވޭރިއަންޓްގެ ނުރައްކާ މާ ބޮޑުކަން ސާބިތު ކޮށްދޭ ހެއްކެއް އަދި ފެނިފައެއް ނުވެ އެވެ.

މި ވޭރިއަންޓްއާ ގުޅޭ އިތުރު ތަހުލީލުތައް ސައިންސްވެރިން ދަނީ ކުރަމުންނެވެ. -- ޑެއިލީ މެއިލް