ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުުލުހަށް މިއަދު ހާޒިރުކުރީ ނިމިފައި އޮތް ތަހުގީގެއް އަލުން ކުރިއަށް ގެންދަން އުޅުނު ކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުން އެ މައްސަލައިން ތަނާޒުލުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ވެސް ޔާމީން ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. މިއަދު ޔާމީން ހާޒިރުކުރީ އެމަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ބަޔަކަށް ކުއްޔަށް ދިނުމުގައި ގާނޫނާ ހިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށެވެ.
ޔާމީންގެ ވަކީލުން ވިދާޅުވާ ގޮތުގައި އެ މައްސަލައިގެ ތަހުގީގު ނިމި ދައުވާ ކުރަން ވަނީ ފޮނުވާފަ އެވެ. އެމަނިކުފާނުގެ ގާނޫނީ ޓީމުގެ އިސް ވަކީލުން، ޑރ. ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ޔާމީން މިއަދު ފުލުހަށް ހާޒިރުކޮށް ފުލުހުން މަސައްކަތް ކުރީ މީގެ ކުރިން ގާނޫނީ އިންޒާރުދީ ސުވާލުކޮށް، ބަޔާން ނަގައި ނިމިފައިވާ މައްސަލައެއްގައި އަނެއްކާވެސް އަލުން ގާނޫނީ އިންޒާރުދީ ބަޔާން ނެގުމަށް ކަމަށެވެ.
ފުލުހުން އެގޮތަށް އަމަލުކުރީ ގާނޫނީ ހުއްޖަތެއް ދެއްކުމަށާއި، އަދި އެކަމުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރުސަތު ދިނުމަށް އެދުމުން އެ ފުރުސަތު ފުލުހުން ދީފައި ނުވާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި ގަދަކަމުން ތަހުގީގު ކުރިއަށް ގެންދަން ފުލުހުން މަސައްކަތް ކުރުމުން މުވައްކިލުގެ ހައްގު ހިމާޔަތް ނުކުރެވޭތީ ޔާމީންގެ ވަކީލުން ވަނީ ތަހުގީގުގެ މިއަދުގެ މަޖިލީހުން ތަނާޒުލު ވެފައި ކަމަށް ޑރ.ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ލިބިވަޑައިގެންނެވި އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރައްވައިގެން މަނީ ލޯންޑާ ކުރި ކަން ސާބިތުވެ އެމަނިކުފާނު މިވަގުތު ވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މިވަގުތު ޔާމީން ހުންނެވީ ގޭބަންދުގަ އެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ޖަލުގައި ކޮވިޑު-19 ފެތުރުމާއި ގުޅިގެންނެވެ.