ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ގޭބަންދަށް ބަދަލުކޮށްފައިވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަނބުރާ ޖަލަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ފަށައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީން އަނބުރާ ޖަލަށް ބަދަލުކުރާނެ ދުވަހެއް އަދި ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މީގެ ދެ މަސް ކުރިން މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ގޭބަންދަށް ބަދަލުކުރީ ޖަލުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވުމުން ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމުގެ ކުރިން ޕީޕީއެމް، ޕީއެންސީން ވަނީ އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދިނުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށްގެންގޮސްފަ އެވެ.

ރައީސް ޔާމީން ޖަލަށްލާފައި ވަނީ ދައުލަތުން އުފުލި މަނީލޯންޑަރިންގެ ދައުވާ ސާބިތުވުމުންނެވެ. އެ މައްސަލާގައި އެމަނިކުފާނަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.