ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން އެކުލަވާލި އިންކުއަރީ ރީޕޯޓާ ގުޅިގެން ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ މިރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން އިތުރަށް ދިރާސާކޮށް މި ކަންކަން އިޞްލާޙުކުރުމުގައި ޢަމަލުކުރާނީ ކިހިނެތްތޯއާއި، މި ރިޕޯޓުގައިވާ ރިކޮމެނެޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭގޮތުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ މަސައްކަތް ނިންމިގޮތުގެ ރިޕޯޓް ރައީސް ސޯލިހުގެ އިތުރުން އުއްތަމަ ފަނޑިޔާރަށް ވެސް ވަނީ އަރުވާފަ އެވެ.

މިދިޔަ މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާގުޅިގެން، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގަވާފައިވާ ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓު މަޖިލީހުން ފާސްކުރައްވާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.

241 ކޮމެޓީން ކުރިއަށްގެންދިޔަ ޕާލަމެންޓްރީ އިންކުއަރީއަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި އެ ދެމުއައްސަސާގެ ވަކިވަކި މުވައްޒަފުން ވެސް ކޮމިޓީއަށް ހާޒިރުކުރި އެވެ. އަދި ބައެއް ވަޒީރުންނާއި އެކި މުއައްސަސާތަކުގެ ވެރިންނާއި ކަމާގުޅޭ މުވައްޒަފުން ވެސް ކޮމިޓީއަށް ހާޒިރުކޮށްފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މުއައްސަސާތަކުގެ މަސައްކަތް އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމާއި މަޖިލީހުގެ ބައެއް ލަފަޔާއި އިރުޝާދު، ޖުމުލަ 271 ސަފްހާގެ މައްޗަށް އެކުލެވޭ އިންކުއަރީ ރިޕޯޓްގައި ހިމަނާފައިވެ އެވެ.

މިރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމަށް އަވަހަށް ފިޔަވަޅު އެޅުމަށް ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ގޮވާލައްވާފަ އެވެ.