އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ޝައިޚް ޖައުފަރު ފާއިޒު އަވަހާރަވެއްޖެ އެވެ.
ޝެއިޚް ޖައުފަރު 65، އަވާހަވީ ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގަ އެވެ. އޭނާގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މެންދުރު ނަމާދަށް ފަހު، މަސްޖިދުލް ފުރުގާންގަ އެވެ.
ސ. މީދޫ، ދެކުނުގެ، ޝެއިޚް ޖައުފަރަކީ ރާއްޖޭގައި ދީނީ އިލްމު އުނގަންނައި ދެއްވުމުގަ އާއި ފެތުރުމުގަ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިގޮތުން މާލޭގައި ކުރިން ހިންގި މަދަރުސަތުލް އާލިޔާގައި އިޖުތިމާއީ އިލްމު އުނގަންނައިދެއްވާ މުދައްރިސެއްގެ ގޮތުގައި 1990ގެ އަހަރުތަކުގައި ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.
ޝެއިޚް ޖައުފަރުގެ ދަރިވަރެއް ކަމަށްވާ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެފައިވަނީ އެއީ ހިތްޕުޅު ހެޔޮ އެދުރެއް ކަމަށެވެ.
"ހިނިތުންވެވަޑައިގަންނަވަމުން މެނުވީ ބަސްފުޅެއް ވިދާޅުވި ތަނެއް ދުވަހަކު ވެސް އަޅުގަނޑެއް ނުދެކެމެވެ. އަބަދުވެސް ފެންނަނީ ހުދު ސާފު ހެދުންކޮޅުގައި ހުންނަވަނިކޮށެވެ. ޖަފަރު ސަރގެ ހިތްޕުޅު ވެސް ހަމައެހައިމެ ސާފުކޮށް ފެންނަ ފަދައެވެ،" އަޝްރަފު ވިދާޅުވެފައިވެ އެވެ.
އޭނާ ވަނީ އެކި މިސްކިތްތަކާއި ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް ވެސް ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމްތައް ގިނަ ދުވަސްތަކެއް ވަންދެން ހިންގަވައިފަ އެވެ.
إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعونَ. اللَّهُمَّ اغْفِرْ لَهُ ، وَارْحَمْهُ ، وَعَافِهِ ، وَاعْفُ عَنْهُ ، وَأَكْرِمْ نُزُلَهُ ، وَوَسِّعْ مُدْخَلَهُ ، وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ ، وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ،وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ ، وَأَهْلًا خَيْرًا مِنْ أَهْلِهِ ، وَزَوْجًا خَيْرًا مِنْ زَوْجِهِ ، وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذَابِ الْقَبْرِ وَعَذَابِ النَّارِ اللهم آمين يارب العالمين