ކޮވިޑް-19 ޖެހިގެން މިމަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް މީހަކު މިއަދު މަރުވެއްޖެ އެވެ. މިއީ މި ބަލީގައި މަރުވި 35 ވަނަ މީހާ އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހިގެން މިއަދު 2:20ގައި މަރުވީ 56 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ މީހާއަށް ފަރުވާ ދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ބުރީގަ އެވެ.

ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވެފައިވަނީ މިދިޔަ މަހުގެ 21 ގަ އެވެ. ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް އޭރު މަރުވީ 90 އަހަރުގެ ފިރިހެނެކެވެ. އެއީ އެ ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި އެންމެ ދުވަސްވީ މީހާ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ފާއިތުވި ދެ މަސް ދުވަހު މައްޗަށް ދިއުމަށްފަހު ފާއިތުވި ހަފުތާއިން ފެށިގެން އަންނަނީ ދަށްވަމުންނެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ އަދަދު ވަނީ 10،000 އަށްވުރެ އިތުރުވެފަ އެވެ. އަދި އެ ބަލިން މިހާތަނަށް 9،683 މީހަކު ރަނގަޅުވެފައި ވެ އެވެ. އެހެންވެ މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 1141 މީހުންނެވެ.