މިދިޔަ ޖޫން މަހު ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ވިކްޓިމްގެ ބަޔާން ބަދަލުކޮށް، ތަހުގީގުގައި ފުލުހުން މަކަރާއި ހީލަތް ހަދަން އުޅުނު މައްސަލައެއް އޭނާގެ ގާނޫނީ ވަކީލުން ފެންމަތިކޮށްފިއެވެ.

ވިކްޓިމްގެ ބަޔާން ފުލުހުން ނެގުމަށްޓަކައި ފުލުހުން ވަނީ މީގެކުރިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އޭނައާ ސުވާލުކޮށް ރެކޯޑްކޮށްފައެވެ. އެ ރެކޯޑިން އަޑުއަހައިގެން ބަޔާން ލިޔާއިރު ބައެއް ވާހަކަތައް ވިކްޓިމް ދެއްކި ގޮތް ނޫން ގޮތްގޮތަށް ލިޔެ ބައެއް ކަންކަމުގައި މަކަރާއި ހީލަތް ހެދުމަށް ފުލުހުން މަސައްކަތްކޮށްފައިވާ ވީޑިއޯއެއް ވިކްޓިމްގެ ގާނޫނީ ވަކީލު ޝަފީއާ ރިޒާ ވަނީ ޓްވިޓާގައި އާންމުކޮށްފައެވެ.

ވިކްޓިމްގެ ބަޔާނަށް އުނިއިތުރު ގެނެސް، އޭނާގެ ގާނޫނީ ވަކީލުންނަށް ފުލުހުން ހަޖޫ ޖެހިކަން އެ ވީޑިއޯއިން ހާމަވެއެވެ.

އެ މައްސަލަ ވަކީލުންގެ ފަރާތުން މިހާރު ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅައިފައެވެ. އަދި އެ މައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރުން ބަދަލުކޮށްދިނުމަށް ވެސް ވަކީލުން ވަނީ ފުލުސް އޮފީހުގައި އެދިފައެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މީގެކުރިން ވަނީ ފުލުހުން ހާޒިރުކޮށް ސުވާލުކޮށްފައެވެ. ނަމަވެސް އެފަހުން އެ މައްސަލަގައި އެއްވެސް ކަމެއް އެ ކޮމިޓީން ކުރާތަނެއް ނުފެނެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެއެވެ.