ބޮލީވުޑް މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ 14 އަހަރަށް ފަހު ބޮލީވުޑަށް އަންނަ ފިލްމު ނެރުމަށް ހަމަޖެހިފައިވާ ތާރީހަކަށް ބަދަލު އައިސްފައި ނުވާ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ރަތަން ޖެއިން ބުނެފި އެވެ.

"ހަންގާމާ 2" ޕްރޮޑިއުސަރު ރަތަން މީޑިއާގައި ބުނެފައިވަނީ ޝިލްޕާގެ ފިރިމީހާ ރާޖް ކުންދަރާ ހައްޔަރުކުރުމުގެ ސަބަބުން ޝިލްޕާއަށް އަސަރުކޮށްފައި ވީނަމަވެސް "ހަންގާމާ 2" ރިލީޒްކުރުމަށް ހަމަޖެހިފައިވާ ތާރީހަކަށް ބަދަލު އައިސްފައިނުވާ ކަމަށެވެ.

"ހަންގާމާ 2 މިއަދު ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ މިކަމުގެ ސަބަބުން ރިލީޒްކުރާ ތާރީހަށް އަސަރު ކުރަންވީ ކީއްވެ. ހައްޔަރުކުރީ ޝިލްޕާގެ ފިރިމީހާ ޝިލްޕާއެއް ނޫން. އިންވެސްޓިގޭޝަން އެޖެންސީން ވެސް ވަނީ ޝިލްޕާގެ ރޯލެއް މިކަމުގައިވާކަމުގެ އެއްވެސް އިޝާރާތެއް ނުފެންނަ ކަމަށް ބުނެފައިވާއިރު، ފިލްމަށް މީގެ އަސަރެއް ކުރަންވީ ސަބަބެއް ނުފެނެ. ޝިލްޕާގެ ނަން މިކަމުގައި މީހުން ގެންނާތީވެ ހިތާމަ ކުރަން،" ރަތަން ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ރަތަން އިތުރަށް ވާހަކަ ދައްކަމުން ބުނީ މި ފިލްމު އުފެއްދީ ރަނގަޅު ނިޔަތެއްގައި ކަމަށާއި މީހުން ބަލާނީ "ޝިލްޕާގެ ކޮންޓްރޮވަސީ"ގެ ސަބަބުން ނޫން ކަމަށެވެ.

"ހަންގާމާ 2" ގައި ޝިލްޕާގެ އިތުރުން ފެނިގެންދާނީ ޕަރޭސް ރަވަލް، މީޒަން، ޕުރަނިތާ ޝުބާޝް އަދި ރާޖްޕަލް ޔާދަވް ވެސް ފެނިގެންދާނެ އެވެ. ޕުރިޔާދަރްޝަން ޑައިރެކްޓުކުރާ މިފިލްމު ޕުރިމިއަކުރުމަށް ހަމަޖެހިފައި ވަނީ ޑިސްނީ ޕްލަސް ހޮޓްސްޓާގައި މިއަދު އެވެ.