ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގޮވާލައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވަން ނިންމަވައިފި އެވެ.

މިރޭ އޮންނަ އެމްޑީޕީ ގައުމީ މަޖިލީހަށް ނަޝީދު ހުށަހަޅުއްވާ ގަރާރު މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ގަރާރުގައިވާގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ އެމްޑީޕީން ދެކޭގޮތް ކަމަށް ފާސްކުރަން ނަޝީދު ބޭނުންފުޅުވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަނީ ޓެރަރިސްޓުން ހައްޔަރުކުރަން ފުލުހުންނަށް މަގުފަހިކޮށްދިނުމަށް ކަމަށް އެ ގަރާރުގައިވެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ތިބީ ޖާނުން ފިދާވެގެން ވެސް ނަޝީދަށް ހަމަލާދޭން ތައްޔާރަށް ކަމަށެވެ. އަދި އެމަނިކުފާނު އަވަހާރަކޮށްލަން ތިން ފަހަރެއްގެ މަތިން ހަމަލާދޭން އުޅެފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

އެގޮތުން މ. ޔާގޫތުގެ ކައިރިންނާއި އެމަނިކުފާނު ދުވަން ގޮސް އުޅުނު ދުވަހެއްގައި ހަމަލާދޭން އުޅެ ނާކާމިޔާބު ވެފައިވާ ކަމަށް ރިޔާޒް ވަނީ ވިދާޅުވެފަ އެވެ.