ބެލުންތެރިންގެ މަގުބޫލްކަން ހޯދާފައިވާ ގިނަ ލަވަތަކެއް ކިޔާފައިވާ ޕަންޖާބީ ލަވަކިޔުންތެރިޔާ ގުރޫ ރަންދާވާ ބޮލީވުޑް ފިލުމެއް ކުޅެން ތައްޔާރުވެއްޖެ އެވެ.

ގުރޫ ރަންދަވާ ކިޔާފައިވާ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ލަވަތަކަށް ބަލާލާއިރު "ހައި ރޭޓެޑް ގަބްރޫ " އާއި "ސޫޓް ސޫޓް" އަދި "ލަގްދި ލާހޯރު ދި" ފަދަ ލަވަތައް ހިމެނެ އެވެ.

މީގެ ކުރިންވެސް 29 އަހަރުގެ ގުރޫ ވަނީ އޭނާ ކިޔާފައިވާ ބައެއް ލަވަތަކުގައި އެކްޓިންގެ ހުނަރު ދައްކާލާފަ އެވެ. އެގޮތުން ގުރޫގެ އެކްޓިން ފެނިގެންދާ ލަވަތަކުގެ ތެރޭގައި "މެހެންދީ ވާލޭ ހާތް" އާއި "ސަންޖަނާ ސަންގީ" ފަދަ ލަވަތައް ހިމެނެ އެވެ.

https://www.youtube.com/watch?v=uJ6WU-u4i3w

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއްގައި ގުރޫ ރަންދާވާ ބުނެފައިވަނީ އޭނާ ފެނިގެންދާ ފުރަތަމަ ފިލްމަށް މިހާރު ސޮއި ކޮށްފައިވާ ކަމަށެވެ.

އެ ފިލްމަކީ މިއުޒިޝަނެއްގެ ވާހަކަ ކިޔައިދޭ އަސަރުގަދަ ލޯބީގެ ފިލްމެއް ކަމަށާއި މިއަހަރު ތެރޭގައި ފިލްމުގެ މަސައްކަތް ފެށޭނެ ކަމަށް ގުރޫ ވަނީ ބުނެފަ އެވެ.

ބޮލީވުޑް ހަންގާމާ ގެރިޕޯޓެއްގައި ވާގޮތުގައި މި ފިލްމު އުފެއްދުމަށް "އެންޑިމޮލް ޝައިން އިންޑިޔާ"ގެ ބެނަރ ގެ ދަށުންނެވެ. ގުރޫގެ މި ފިލްމުގައި ދައްކުވައިދޭނީ ޒުވާން މިޔުޒިޝަނެއް ކާމިޔާބާ ހިސާބަށް ވާސިލްވާން ކުރާ މަސައްކަތެވެ.

ގުރޫ އޭނާގެ އެކްޓިން ކެރިއަރުގެ ފުރަތަމަ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ މި ކަހަލަ ފުރުސަތެއް ލިބުނީތީވެ އުފާވާ ކަމަށާ އޭނާގެ މި މަސައްކަތަށް އެއްބާރުލާ އިތުބާރު ކުރީތީވެ އެންޑިމޯލްޝައިން އިންޑިޔާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. ފިލްމުގެ ލީޑް އެކްޓުރެސް އަދި އިއުލާން ކޮށްފައިނުވެ އެވެ. އަދި ފިލްމުގެ ނަށްވެސް އިއުލާނުކޮށްފައިނުވާކަން ފާހަގަ ކޮށްލެވެ އެވެ.