ހުވަފެން ފެނުމަކީ ނިދުމުގެ ތެރެއިން ކުރިމަތިވާ ގުދުރަތީ ކަމެކެވެ. އާއްމު ގޮތެއްގައި މާބަނޑު ދުވަސްވަރު އަންހެނަކަށް ފެންނަ ހުވެފެންތެއް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.
ގިނަ އަންހެނުންނަށް މާބަނޑު ދުވަސްވަރު ފެންނަ ހުވަފެންތައް ހޭލުމަށްފަހު ވެސް ހަނދާން ހުންނަ އިރު، އާއްމުކޮށް މާބަނޑު މީހުންނަށް ފެންނަ ހުވަފެންތަކެއް ފާހަގަ ކުރެވިފައިވެ އެވެ.
އެގޮތުން މައިވަންތަކަމާ ގުޅޭ ހުވަފެންތަކަކީ މާބަނޑު މީހުންގެ މެދުގައި އެންމެ އާއްމު ހުވަފެންކަން ދިރާސާތަކުން ދައްކަ އެވެ. މައިވަންތަކަމުގެ އިހުސާސާއެކު ސިކުނޑިން މިފަދަ ހުވަފެންތަކަށް މަގުފަހި ކުރުވަ އެވެ.
މީގެ އިތުރުން ބިރުވެރި ހުވަފެންތަކަކީ ވެސް މާބަނޑު އަންހެނުންނަށް ވަރަށް ގިނައިން ފެންނަ ހުވަފެނެއްކަން ވަނީ ފާހަގަ ކުރެވިފަ އެވެ. މިކަމުގެ ސަބަބަކަށް ވަނީ ކުރިމަތިލާން އުޅޭ ހަޔާތުގެ އާ ސަފްހާތަކާއެކު ހިތުގައި ހާސްކަމާއި ކަންބޮޑުވުން އުފެދުމެވެ.
މާބަނޑުއިރު ހުވަފެން ފެނުން ތަފާތުވާ ގިނަ ސަބަބުތަކެއް ހުންނައިރު، ހޯމޯންތަކަށް އަންނަ ބަދަލުތަކާއި ނިދި ލިބުން އިތުރުވުން އެއީ ފާހަގަކުރެވޭ ސަބަބުތަކެވެ.
މި ދުވަސްވަރު ފެންނަ ހުވަފެންތަކާ ހެދި އުނދަގޫތައް ކުރިމަތި ވާނަމަ ބައިވެރިޔާއާ ހިއްސާ ކުރަންވާނެ އެވެ. އަދި ނަމާދުކުރުން ފަދަ ރޫހާނީ ކަންކަމުން ވެސް އެކަމަށް ލުއި ލިބޭނެ އެވެ.