ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެކޮޅު ހައްދަވައިފި އެވެ.

ނަޝީދަކީ ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅާ އެވެ. އެ މަނިކުފާނު ކުރިން ވިދާޅުވި ގޮތުން ނަމަ، ރާއްޖެ އަށް ހެޔޮ ވެރިކަމެއް ކުރެވެން އޮތީ ހަމައެކަނި ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮވެގެންނެވެ. އެކަމަކު، މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ އެއީ މިވަގުތު ކުރަން ޖެހޭ ބަހުސެއް ނޫން ކަމަށެވެ.

މަޖިލިހުގައި ނަޝީދު ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމު ބަދަލު ކުރާ ވާހަކައަކީ އެމަނިކުފާނު ދައްކަވާ ވާހަކައެއް ކަން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ އެވެ. ނަމަވެސް މިއީ، ވެރިކަމުގެ ނިޒާމުގެ ބަހުސްކޮށް، ރާއްޖޭގައި އޮތް ނިޒާމު ބަދަލު ކުރަންވީ ވަގުތެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ނަމަވެސް އެއްގޮތަކަށް ވެސް އޮޅޭކަށް އަޅުގަނޑު ނޭދެން. ކާށިދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައި ވަނީ ކުޑަކޮށް ވެސް އެ ބާވަތުގެ އިސްލާހެއް ނޫން. އަދި އެ މަގަށް ދިއުމަށް ބަހުސެއް ފަށަންވީ ވަގުތު ކަމަށް ވެސް އަޅުގަނޑު ނުދެކެން މިވަގުތަކީ،" ނަޝީދު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖްލިސް

ބަރުލަމާނީ ނިޒާމެއް ގެނައުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު ކުރިން ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރައްވަން އެމަނިކުފާނު ދެން ބޭނުންފުޅެއް ނުވާ ކަމަށެވެ. އަދި އެދިވަޑައިގަންނަވަނީ ރައްޔިތުންނަށް އެމްޑީޕީން ހެޔޮވެރިކަމެއް ކޮށްދިނުން ކަމަށާއި އަދި އެކަން ވާން އޮތީ ބަރުލަމާނީ ނިޒާމަކުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރެއްވި ނަމަވެސް ވެރިކަން ކުރާ ކޯލިޝަންގެ ބައެއް ލީޑަރުން ވެސް ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެނައުމާ ދެކޮޅެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވުރެ މުހިއްމު މަސައްކަތްތަކެއް އެ މަނިކުފާނު ރައްޔިތުންނަށް ކޮށްދެއްވަން ހުރި ކަމަށެވެ.