އިތުރު 135 މީހަކު ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވެ، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 7000 އިން މައްޗަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިރުއޮއްސި 6:00 އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފައި ވަނީ 135 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ ގްރޭޓާ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 126 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 9 މީހަކު ހިމެނެ އެވެ.

އެޗްޕީއޭ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އަލަށް ޕޮޒިޓިވްވި 135 މީހުންގެ ތެރެއިން 109 މީހުންނަކީ ދިވެހިންނެވެ. 26 މީހުންނަކީ ބިދޭސީންނެވެ. ބަލި ޖެހުނު ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 15 މީހަކާއި އިންޑިއާގެ 8 މީހަކާއި މިސްރުގެ 2 މީހަކާއި ނޭޕާލުގެ މީހެކެވެ.

އަލަށް ފެނުނު ކޭސްތަކާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުން ޖުމްލަ އަދަދު މިހާރު ވަނީ 7،047 އަކަށް އަރާފަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ބަލިން ރަނގަޅުވެފައި ވަނީ 142 މީހެކެވެ. މި އާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 4،439 އަކަށް އަރާފަ އެވެ. ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ އަދަދު 2580 އަކަށް އަރާފައިވާއިރު، އޭގެ ތެރެއިން 1،460 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި އަންނަނީ ފަރުވާ ހޯދަމުންނެވެ. އަދި 173 މީހަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މީގެ ތެރެއިން ނުވަ މީހަކަށް ފަރުވާދެމުންދަނީ އައިސީޔޫގަ އެވެ. މި ނުވަ މީހުންގެ ތެރެއިން ފަސް މީހަކު ފަރުވާ ހޯދަމުންދަނީ ވެންޓިލޭޓަރު މެދުވެރިކޮށެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 28 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ 21 ދިވެހިންނާއި 7 ބިދޭސީންނެވެ.

މާލޭ ސަރަޙައްދުގެ އިތުރުން މިވަގުތު ރާއްޖޭގެ 32 ރަށަކުން ކޯވިޑް-19 އެކްޓިވް ކޭސްތަކެއް ވަނީ ފެނިފަ އެވެ. އަދި 10 ރިސޯޓަކުން ވެސް ވަނީ އެކްޓިވް ކޭސްތައް ފެނިފަ އެވެ. ރާއްޖޭގައި މި ބައްޔަށް ޓެސްޓްކުރުމަށް މިހާތަނަށް 105،855 ސާމްޕަލެއް ވަނީ ނަގާފަ އެވެ.

ރާއްޖެއިން މި ބަލި ފުރަތަމަ ފެނުނު ދުވަހުން ފެށިގެން 500 ކޭސް ހަމަވާން ފުރަތަމަ ނެގީ 56 ދުވަހެވެ. ފުރަބަންދުގެ ފިޔަވަޅުތަކާއެކު ބަލި ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުނު ނަމަވެސް، ފުރަބަންދުގެ ފިޔަވަޅުތަކަށް ޖުލައި 1 އިން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމާއެކު އަނެއްކާވެސް ބަލި ފެތުރޭ މިންވަރު އާދަޔާ ޚިލާފަށް ވަނީ އިތުރުވާން ފަށާފަ އެވެ.

އެގޮތުން ޖުލައިމަހުގެ ކުރީކޮޅު 500 ކޭސް ހަމަވާން 14 ދުވަސްނެގިއިރު، ޖުލައިމަހުގެ 21 އިން ފެށިގެން 500 ކޭސް ހަމަވާން ނެގީ އެންމެ 7 ދުވަހެވެ. އަދި ރާއްޖޭން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 6000 އިން މައްޗަށް އަރާފައިވަނީ މިމަހުގެ 18 ވަނަ ދުވަހެވެ. އެ ދުވަހުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް 7 ދުވަސްތެރޭ މިވަނީ 1000 އަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 7047 އަކަށް އަރާފައެވެ.