ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ނިންމައިފި އެވެ.

ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ މިއަދު މެންދުރު ފަހު 2:00 އަށެވެ.

އެ މަނިކުފާނު ހާޒިރުކުރަނީ ވ. އާރަށް ކުއްޔަށް ދީގެން ލިބުނު ފައިސާ އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ.

ރައީސް ޔާމީނުގެ މައްޗަށް މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފާއިތުވި އޭޕްރީލް މަހު މި މައްސަލަ ފޮނުވާފައިވީ ނަމަވެސް އޭގެ ފަހުން ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ރައީސް ޔާމީން މި މައްސަލާގައި ފުލުހަށް ހާޒިރުކޮށްފައިވެ އެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރާއިރު މާދަމާ މަރު ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އެ ކޮމިޝަނުން ވެސް އެމަނިކުފާނަށް ޗިޓު ފޮނުވާފައިވެ އެވެ. މަރު ކޮމިޝަނަށް އެމަނިކުފާނު ހާޒިރުކުރަނީ ނޫސްވެރިޔާ ރިޟްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅުއްވި ކަމަށް ތުހުމަތުކޮށް ސުވާލު ކުރުމަށެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރުކުރާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވާ، ލޯންޑަކުރިކަމަށް ބުނާ މައްސަލައިގެ ޝަރީއަތަށް ރައީސް ޔާމީން އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ވެސް ހާޒިރުކޮށްފަ އެވެ.