އަފްޣާނިސްތާނުގެ އެންމެ ފަހު ސިޓީ، ވެރިރަށް ކާބުލް ފަތަހަކުރުމަށް ތާލިބާނުންގެ ފައުޖު މިއަދު ވަށާލުމާއެކު އެ ގައުމުގެ ރައީސް އަޝްރަފް ޣަނީ އިސްތިއުފާ ދެއްވަން ނިންމައިފި އެވެ.

އަލް އަރަބިއްޔާއާ ވާހަކަދެއްކެވި އަފްޣާނިސްތާނުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ރައީސް އަޝްރަފް ކުރިޔަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި އިސްތިއުފާ ދެއްވާނެ ކަމަށެވެ.

އެ ގައުމުގެ ހޯމް މިނިސްޓްރީން ބުނީ ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމަށް ތާލިބާނުންނާއެކު އެއްބަސްވެފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގެ ވެރިކަން ބަދަލުކުރުމަށް ތާލިބާނުންގެ ފައުޖުތައް ވަނީ އެ ގައުމުގެ ދެކުނާއި އުތުރުގެ ހުރިހާ ސަރަހައްދެއް ހިފައިފަ އެވެ. އަދި އެއާއެކު ސަރުކާރުގެ ބާރުގެ ދަށުގައި މިވަގުތު އޮތް އެއްވެސް ސަރަހައްދެއްގައި ހަމަލާ ނުދިނުމަށް އަންގާފައިވާނެ ކަމަށް ތާލިބާނުންގެ ތަރުޖަމާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ބައެއްގެ ކިބައިން ބަދަލު ހިފަން ބޭނުންނުވާ ކަމަށާއި ސަރުކާރާއި ސިފައިންގެ ތެރޭގައި މަސައްކަތްކުރި އެންމެނަށް މައާފުކުރާނެ ކަމަށެވެ.

ތާލިބާނުން ކާބުލް ވަށާލުމާއެކު އާއްމުން ވަނީ ވަރަށް ބޮޑަށް ހާސްވެފަ އެވެ. އަދި ބޭންކުތަކުގައި ރައްކާކޮށްފައިވާ ފައިސާ އަވަހަށް ނެގުމަށް ގިނަ ބަޔަކު ވަނީ ބޭންކުތަކުގައި ކިޔާ ހަދައިފަ އެވެ.

އެމެރިކާއިން ވަނީ ކާބުލްގައި ހުރި އެ ގައުމުގެ އެމްބަސީގެ ބައެއް މުވައްޒަފުން ހެލިކޮޕްޓަރުގައި ގެންގޮސްފަ އެވެ.