އަފްޣާނިސްތާނުންގެ އަންހެނުން މޫނު ބުރުގާ އެޅުން މަޖުބޫރު ނުކުރާނެ ކަމަށް އެ ގައުމުގެ ވެރިކަމަށް އަތްގަދަކުރި ތާލިބާން ޖަމާއަތުން ބުނެފި އެވެ.

މޫނު ބުރުގާއަކީ ބުރުގާ އަޅައި އައުރަ ނިވާކުރަން އޮތް ހަމައެކަނި ފޭރާން ނޫން ކަމަށާއި މޫނު ބުރުގާ ނާޅައި ވެސް އަންހެނުންގެ އައުރަ ނިވާ ކުރެވިދާނެ ކަމަށް ގަތަރުގެ ދޯހާގައި ހުންނަ ތާލިބާނުންގެ ތަރުޖަމާނެއް ކަަމަށްވާ ސުހައިލް ޝާހީން ބުންޏެވެ.

މި ނިންމުމާއެކު ތާލިބާނުން ބަލައިގަންނާނެ ހިޖާބްގެ ވައްތަރެއް ޝާހީން ބުނެފައެއް ނުވެ އެވެ. އޭނާ ވަނީ އަންހެނުންގެ ތާލިބާނުންގެ ވެރިކަމުގައި އޮންނާނެ ހައްގުތައް ފާހަގަކުރައްވާފަ އެވެ.

"ފެށޭ ތައުލީމުން ފެށިގެން މަތީ ސާނަވީއާ ހަމައަށް އަންހެނުންނަށް ކިޔެވޭނެ،" ސުހައިލް ބުންޏެވެ.

ތާލިބާނުން މީގެ ކުރިން އަފްޣާނިސްތާނުގައި ވެރިކަން ކުރި އަހަރުތަކުގައި އަންހެނުންގެ ކިޔެވުމާއި ވަޒީފާ އަދާކުރުމުގެ ހައްގު ހިފަހައްޓައި ދަތުރުފަތުރުކުރުން މަނާކޮށް، މޫނު ބުރުގާ ނެގުން ވަނީ މަނާކޮށްފަ އެވެ.

އަފްޣާނިސްތާނުގެ އިންތިހާބީ ރައީސް އަޝްރަފް ޣަނީގެ ވެރިކަން ވައްޓާލައި ތާލިބާނުން އެ ގައުމަށް އަތްގަދަކުރުމާއެކު ބައިނަލްއަގުވާމީ މުޖުތަމައުގެ ގިނަ ގައުމުތަކަކުން އަންނަނީ އެ ގައުމުގައި އަންހެނުންނަށް އޮތް އިންސާނީ ހައްގުތަކާއި ރައްކާތެރިކަމާމެދު ކަންބޮޑުވުންތައް ފާޅު ކުރަމުންނެވެ. -- އަލް އަރަބިއްޔާ