ހުކުރު ނަމާދުގައި ގުނޫތުނާޒިލާ ނުކިޔަން އިސްލާމިކް މިނިސްޓްރީން މިސްކިތްތަކުގެ އިމާމުންނަށް އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ފޮނުވި ސާކިއުލާއެއްގައި ވަނީ މިދުވަސްވަރުގެ ހާލަތާ ގުޅޭ ގޮތުން ކިޔަން ޖެހޭ ދުއާތައް ހުކުރު ހުތުބާގައި ހިމަނާފައިވާތީ އެ ނަމާދުގައި ދުއާ ކިޔުމަކީ އިސްލާމިކް މިނިސްޓްރީން ބާރުއަޅާ ކަމެއް ނޫން ކަމަށެވެ.

މިނިސްޓްރީން އެގޮތަށް ބުނި ނަމަވެސް، ފަރުޟު ފަސް ނަމާދުގައި މިހާރު ވެސް ގުނޫތު ކިޔަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން ގިނަ ދުވަސްތަކެއް ވަންދެން ނަމާދު ކުރި އެވެ. އެއީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން އެޅި ރައްކާތެރި ފިޔަވަޅެކެވެ.

އޭރުގައި، އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ ދީނީ އިލްމުވެރިންގެ މަޝްވަރާގެ މަތިން ކަމަށެވެ. އަދި މިސްކިތަށް ނުގޮސް، ގޭގައި ނަމާދު ކުރަން އޭރުގައި ދީނީ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓްރީން ބާރު އެޅި އެވެ.

އެކަމަކު، ކޮވިޑް-19 ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވުމާ އެކު، މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރަން ފެށި އެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ މިސްކިތްތަކުގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް އެންގީ މިއަހަރުގެ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު އެވެ. އޭގެ ފަހުން ހުރިހާ މިސްކިތްތަކެއް ވެސް ފަރުޟު ނަމާދުތަކުގައި އަންނަނީ ގުނޫތު ކިޔަމުންނެވެ. އަދި ބައެއް މިސްކިތްތަކުގައި ހުކުރު ނަމާދުގައި ވެސް ގުނޫތު ކިޔަ އެވެ.