ދައުލަތުގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ ކުރިން ހުށަހެޅާ ހުށަހެޅުންތައް މިއަދު ހުށައަޅައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް މިއަދު ހުށައަޅައިފި އެވެ.

އެމްއެމްޕީއާރުސީން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ މިއަދު ބޭއްވި އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް އިބްތިދާއީ ގޮތުން ކުރިއަށް ގެންދިޔުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހެކެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ މޯބައިލް ފޮރެންސިކް އެނެކްސްތައް ރައްކާތެރި ކޮށްދިނުމަށް އަމުރެއް ނެރެދިނުމަށް ހުށަހެޅި އެވެ.

ދައުލަތުން ބުނީ އެގޮތަށް އެދުނީ އެ މައްސަލައަކީ މިހާރު ވެސް ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ދަށުން ދައުލަތުގެ ތިން އިދާރާއަކުން ބަލަމުންދާ މައްސަލަތަކެއްގައި ހިމެނޭ ގިނަ ބައެއްގެ ޒާތީ މައުލޫމާތު އޭގައި ހިމެނިފައިވުމާއި، އެކަމުގެ ސަބަބުން ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށެވެ. އޭގެ އިތުރުން، މި މައްސަލައިގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ދައުވާ ލިބޭ ފަރާތަށް ލިބިއްޖެނަމަ، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަން ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.

އެކަމަށް ރައްދު ދެއްވަމުން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ، ދައުލަތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދި ހުށަހެޅި ސަބަބުތަކަކީ ޤާނޫނީ ގޮތުން ބަލައިގަނެވޭ ސަބަބުތަކެއް ނޫން ކަމަށެވެ. ދައުވާއާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަން ނޭނގި، ދައުވާއަށް ޖަވާބުދާރީވާން ވެސް ނޭނގޭނެ ކަމަށް ރައީސް ޔާމިންގެ ވަކީލު ވިދާޅުވި އެވެ. ދައުލަތުން ހުށަހެޅި ހުށަހެޅުން ރައްދުކޮށްދެއްވުމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ޝަރީއަތުގައި ވަނީ އެދިފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ހަތަރު ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ.އޭގެ ތެރޭގައި ހިމެނެނީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް ފަރާތްތަކުގެ ހެކިބަސް ބަލައިނުގަތުމަށް އެދި ހުށަހަޅާފައިވާ ހުށައެޅުމަކާއި ދައުވާ ފޯމުގައި އުނިކަމެއް ހުރުމުން ދައުވާ ކުރިއަށް ނުގެންދެވޭނެކަން ބަޔާންކޮށް ހުށައެޅުމެއް ހުށައެޅުމަކާއި ދައުވާ ލިބޭ ފަރާތްތަކުގެ މެދުގައި ޤާނޫނީ ކޮންފްލިކްޓްތަކެއް ހުރުމުން އިންސާފަށް ވާސިލުވުމަށް ހުރަސް އެޅިދާނެކަމަށް ބަޔާންކޮށް، ދައުވާލިބޭ ފަރާތްތަކުގެ ބައިތައް ވަކި ކޮށްގެން ކުރިއަށް ގެންދިއުމަށް ހުށައަޅާފައިވާ ހުށައެޅުމެކެވެ. އަދި ހަތަރުވަނަ ކަމެއްގެ ގޮތުން ހެކި ހާމަކޮށްދިނުމަށް އެދި ރައީސް ޔާމިން ފަރާތުން ވަނީ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. ރައީސް ޔާމިންގެ ފަރާތުން ހުށައެޅި ކަންކަމާއި ގުޅިގެން ދައުލަތުން ބުނީ ކުށުގެ ތަބީއަތު ނިޔާކުރާ ގޮތުން މިފަދަ ބޮޑެތި ކުށްތަކުގައި ހެކިބަސް ދޭން ވެސް ތިބޭނީ އެކަމުގައި ޝާމިލުވެ އުޅުނު މީހުން ކަމަށެވެ. ރާއްޖެ ހިމެނޭގޮތަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނީ ނިޒާމުގައި ވެސް މި އުސޫލުތަކަށް އަމަލު ކުރާކަމަށް ދައުލަތުން ބުނެފައިވެ އެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެއީ ދެފަރާތުގެ ހުށަހެޅުންތަކާ ގުޅިގެން ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެއްކެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.