ވޭތުވެދިޔަ 24 ގަޑިއިރު މުޅި ރާއްޖެއިން ނެގި 1،366 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 41 މީހުން ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 34 މީހުންނެވެ. އަދި ހަތް މީހަކު އަތޮޅު ތެރެއިން ޕޮޒިޓިވްވެފައިވެ އެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހަތަރު ބިދޭސީން ވެސް ހިމެނެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 64 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 9،995 އަށް އަރާފަ އެވެ. ކޮވިޑް-19 އެކްޓިވް ކޭސް އެއް ރާއްޖޭން ފެނުނުތާ 222 ދުވަސް ވިއިރު، މި ބަލި ޖެހުނު މީހުންގެ ތެރެއިން 28 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭ ގޮތަށް މިހާތަނަށް 35 މީހަކު ވަނީ މަރުވެފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު 1،117 އަށް އަރާފައިވާއިރު 384 މީހަކު މިހާރު ވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ.