ރީތި އިސްތަށިގަނޑެއް އަހަރެމެން އެންމެން ވެސް ބޭނުންވެ އެވެ. އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ވެސް ކުރެވެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އިސްތަށިގަނޑު ރީތިކުރަން ހަށިގަނޑަށް ޒަރޫރީ މާއްދާތަކަށެވެ.

ވިޓަމިން އޭ

ވިޓަމިން އޭއަކީ ދިފާއީނިޒާމު ވަރުގަދަ ކޮށްދިނުމުގެ އިތުރުން ލޮލާއި ހަމުގެ ސިއްހަތަށް ވެސް ވަރަށް ފައިދާހުރި މާއްދާއެކެވެ. އޭގެ އިތުރުން އެއީ އިސްތަށިތަކުގެ ބުޑަށް އާރޯކަން ގެނުވައިދީ ވަރުގަދަކޮށްދޭ މާއްދާ އެކެވެ. ވިޓަމިން އޭ އެކުލެވޭ ބާވަތްތަކުގެ ތެރޭގައި ބަރަބޯ، ކައްޓަލަ، ބިސް އަދި ކިރުގެ ބާވަތްތައް ހިމެނެ އެވެ.

ވިޓަމިން ބީ

ވިޓަމިން ބީއަކީ ހަށިގަނޑުގައި ދައުރުވާ ރެޑް ބްލަޑް ސެލްތައް އިތުރު ކޮށްދޭ މާއްދާ އެކެވެ. ހަށިގަނޑުގައި ރެޑް ބްލަޑް ސެލްތައް އިތުރުވުމަކީ އިސްތަށިގަނޑު ވަރުގަދަ ކޮށްދޭ ކަމެކެވެ. ފެހި ތަރުކާރީގެ އިތުރުން ގޮދަނާއި ކަނޑުމަހުގެ ބާވަތްތަކުން ވިޓަމިން ބީ ލިބޭނެ އެވެ.

ވިޓަމިން ސީ

ހަމަށާއި އިސްތައްޓަށް ގެއްލުން ލިބޭ އިރުގެ ދޯދިތަކުން އިސްތަށިގަނޑު ރައްކާތެރިކޮށްދޭ ވިޓަމިން ސީއަކީ ވަރުގަދަ ރީތި އިސްތަށިގަނޑަކަށް ވަރަށް މުހިއްމު މާއްދާ އެކެވެ. ވިޓަމިން ސީ ލިބިދޭ ބާވަތްތަކުގެ ތެރޭގައި އޮރެންޖާއި ލުނބޯ ފަދަ ސިޓްރަސް މޭވާގެ އިތުރުން ބެރީސް އާއި ބްރޮކޮލީ ހިމެނެ އެވެ.

ޕްރޮޓީން

އިސްތަށިތަކުގެ އަސްލަކީ ޕްރޮޓީންއަށްވުމާއެކު އިސްތަށިގަނޑު ވަރުގަދަކޮށް ދެމެހެއްޓުމަށްޓަކައި ޕްރޮޓީން ލިބުން ވަރަށް މުހިއްމެވެ. އެއްގަމު މަހާއި ކިރުގެ ބާވަތްތަކުން ގިނަ އަދަދަކަށް ލިބޭ ޕްރޮޓީންގެ ސަބަބުން އިސްތަށިގަނޑު އަވަހަށް ދިގު ވެސްވެ އެވެ.

ޒިންކް

ޒިންކްއަކީ ހަލާކުވެފައިވާ އިސްތަށިތަކުގެ ޓިޝޫތައް ރަނގަޅުކޮށްދީ އިސްތަށިގަނޑު ހިކުމުން ދުރުކޮށްދޭ މާއްދާއެކެވެ. މީގެ އިތުރުން މި މާއްދާއިން އިސްތަށި ފޭބުން ވެސް ރަނގަޅު ކޮށްދެ އެވެ. ޒިންކް އެކުލެވޭ ގުދުރަތީ ބާވަތްތަކުގެ ތެރޭގައި އެއްގަމު މަހާއި ގޮދަނުގެ ބާވަތްތައް ހިމެނެ އެވެ.