އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހައްގުތަކަށް އަރައިގެންފައިކަމަށް އެމަނިކިފާނުގެ ގާނޫނީ ޓީމުން ބުނެފިއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމުގައި ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް ހުށަހެޅީ އެ ހުކުމުގެ އިސްތިއުނާފާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނުނިންމާ ވަނިކޮށް ކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް އެ ހުކުމްގައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމަކީ ތަންފީޒުކުރެވިގެންވާނެ ކަމެއް ނޫންކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު އެކަން ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކަށް ރަސްމީކޮށް ލިޔުމުން އަންގާފައިވާނެކަމަށެވެ.
އިސްތިއުނާފު މައްސަލަ ނިނިމެނީސް ފައިސާގެ މައްސަލަ ކޯޓަށް ހުށަހެޅުމަކީ އެ މައްސަލައިގެ އިންސާފަށް ހުރަސްއެޅުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެކަމަކީ މިވަގުތު ގައުމުގައި ހުރި މައްސަލަތަކުގެ ފޯކަސް އަނބުރާލުމުގެ ގޮތުން ދައުލަތުން ކުރާ އަމަލެއްގެ ގޮތުގައިވެސް ވަކީލުންގެ ބަޔާނުގައިވެ އެވެ.