ކޮވިޑް -19އަށް ޕޮޒިޓިވްވެ، ބަލިން ރަނގަޅުވުމަށް ފަހު ހަށިގަނޑަށް ގިނަ ބަދަލުތަކެއް އާދެ އެވެ. އެގޮތުން އިހުނަށް ވުރެ ގިނައިން އިސްތަށި ފޭބުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލައެކެވެ.

ކޮވިޑަށްފަހު އިސްތަށި ފޭބުން ކުއްލިއަކަށް އިތުުރު ވަނީ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނުލިބުމާއި ނޭވާލާ ނިޒާމަށް އަންނަ ބަދަލުތަކުގެ އިތުރުން ސްޓްރެސްގެ ސަބަބުން ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

އާއްމު ހާލަތްތަކުގައި ދުވާލަކު 100 އިސްތަށި ފޭބުމަކީ "ނޯމަލް" ކަމެކެވެ. ނަމަވެސް ކޮވިޑުން ރަނގަޅުވެ، މި އަދަދު އިތުރުވާ ހެން ހީވާނަމަ މިކަމަށް ސަމާލުވުން މުހިއްމެވެ.

މެލޭރިއާ، ކޮވިޑް އަދި ޓައިފޮއިޑް ފަދަ ބަލިތަކުން ރަނގަޅުވެ ދެތިން ހަފްތާވުމުން އިސްތަށި ފޭބުމަކީ އާއްމު ކަމެކެވެ. މިގޮތަށް ހަ މަސް ވަންދެން އިސްތަށި ފޭބުން ކުރިއަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މި ދުވަސްވަރު ޕްރޮޓީން މުއްސަނދި ކެއުންތައް ކެއުމަކީ މުހިއްމު ކަމެކެވެ. އެއާއެކު ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުވެ ސްޓްރެސްއަށް މަގުފަހިވާ އެންމެހާ ކަންކަމުން ދުރުވެ ތިބެން ޖެހެ އެވެ.

ކޮވިޑުން ރަނގަޅުވުމަށް ފަހު ހަ މަސް ފަހުން ވެސް އިސްތަށި ފޭބުމަށް ބަދަލެއް ނާންނަ ނަމަ ހަމުގެ ޑޮކްޓަރަކަށް ދައްކާ ހާއްސަ ލަފާ ހޯދުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.