ކެޝޫ ނަޓަކީ ސިއްހަތަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވާ ބަދަނުގެ ބާވަތެކެވެ. ކެޝޫ ކެއުމަކީ އެކި ގޮތްގޮތުން ސިއްހަތަށް ފައިދާކުރާ ކަމެކެވެ. މީގެ އިތުރުން ކެޝޫއަކީ ހަން އޮމާންކޮށް ރީތިކޮށްދޭ އެއްޗެކެވެ. އެހެން ކަމުން ކެޝޫ ބޭނުންކޮށްގެން ހަދާ ފޭސް ޕެކްއަކީ މޫނުގެ ހަން ރީތިކުރަން ބޭނުން ކުރެވިދާނެ އެއްޗެކެވެ.

ކެޝޫ ފޭސް ޕެކުން ލިބެނީ ކޮން ފައިދާއެއް؟

ކެޝޫގައި ހިމެނޭ އެންޓި އޮކްސިޑަންޓްސްގެ ސަބަބުން މަރުވެފައިވާ ސެލްތަކުގެ ބަދަލުގައި ހަންގަނޑުގައި އާ ސެލްތައް އުފެދުމަށް މަގުފަހިވެ އެވެ. ހަމަ އެހެންމެ ކެޝޫއަކީ ރޫއެރުމާއި ހަންގަނޑު ކަޅުވުން ފަދަ އުމުރުން ދުވަސްވުމުން ހަންގަނޑަށް އަންނަ ބަދަލުތައް ކުޑަކޮށްދޭ އެއްޗެކެވެ. މިއީ ގުދުރަތީ އެއްޗަކަށް ވުމާއެކު ނޭދެވޭ އަސަރެއް ހަންގަނޑަކަށް ނުކުރާނެ އެވެ.

ކެޝޫ ޕެކް ހަދާނީ ކިހިނެއް؟

ކެޝޫ ޕެކް ހެދުމަށް ކެޝޫ ކޮޅެއް ކުޑަ ކިރު ފޮދެއްގައި ފޯކޮށްލުމަށްފަހު ގޮދަން ފުށާއެކު އެއްކުރާށެވެ. އަދި ޕޭސްޓަކަށް ވަންދެން ގަށާލާށެވެ.

ކެޝޫ ޕެކް ބޭނުން ކުރާނީ ކިހިނެއް؟

ސައިބޯނި ލައިގެން މޫނު ރަނގަޅަށް ދޮވެލުމަށްފަހު މިލްކް ކްރީމް ކޮޅެއް އުނގުޅާށެވެ. އެއަށްފަހު ކެޝޫ ޕޭސްޓް މޫނުގެ ހުރިހާ ހިސާބެއްގައި އުނގުޅުމަށްފަހު 15 މިނެޓު ވަންދެން މަޑު ކޮށްލާށެވެ. ދެން ފިނިފެނުން މޫނު ރީއްޗަށް ދޮވެލާށެވެ.

މި ފޭސް ޕެކް ހަފްތާއަކު ތިން ދުވަހު ތަކުރާރު ކުރާށެވެ.