ސްކޫލްތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ކަމަށް ބުނެ، އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެންނަނީ ނުރައްކާތެރި އެޖެންޑާއެއް ފެތުރުމުގެ ބޭނުމުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ .ޖަމީލު މިހެން ވިދާޅުވީ ރާއްޖޭގައި ކިޔަވައިދޭ ބައެއް ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ހިތްވަރުދޭ ބައެއް ބައިތައް ނެގުމަށާއި ހުރިކަމަށާއި އިސްލާމް މާއްދާ ކިޔަވައިދެން ބިދޭސީ ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށް، އެމްޑީޕީގެ މެއި ހައެއް ކޮމިޓީން ހާމަކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ ޒަމާނީވުމަކީ ހުރިހާ ކަމެއް ފުރޮޅާލުން ނޫން ކަމަށާއި މިކަމުގައި ސަރުކާރުގެ އޮތީ "ނުރައްކާތެރި އެޖެންޑާ" އެއް ކަމަށެވެ.

"ޒަމާނީވުމަކީ ހުރިހާ ކަމެއް ފުރޮޅާލުމެއްނޫން. އިސްލާމް ފޮތް ބަދަލުކޮށް ބޭރު މީހުން ގެންނަންޖެހުނީ ކޮންކަމެއް ބަދަލުވެގެން؟ ނަފްރަތު ކަމަށް ބަޔަކު ބުނުން އެއީ ޙުއްޖަތް؟ ޕާޓީގެ ކޮންމެ ވިސްނުމަކީ ރައްޔިތުން ބޭނުން ގޮތްކަން އެނގެނީ ކިހިނެއް؟ އުޅެނީ ނުރައްކާތެރި އެޖެންޑާއެއް ފަތުރަން،" ޑރ. ޖަމީލު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީން އެކުލަވައިލި މޭ ހައެއް ކޮމިޓީން ރޭ އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގައި، އެ ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ބައްދަލުކުރައްވައި ސްކޫލް ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު އޮތް މިންވަރާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"ސްކޫލް ފޮތްތަކުގައި ނަފުރަތު އުފެއްދުމަށް މަގުފަހިވާގޮތައް ހުރި ބައިތައް ބަލައި ތަޢުލީމީ މަންހަޖަށް ބަދަލުގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން. އަދި މިނިސްޓްރީން އެބަ ވިސްނާ ވަޑައިގަންނަވާ ކޮންމެވެސް ވަރަކަށް އިސްލާމް ޓީޗަރުން ބޭރުން ގެނެސްދެން ކުދިންނަށް އުނގަންނައިދިނުމަށް،" އަފީފް ވިދާޅުވި އެވެ.

އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެންނަށް އުޅޭ ކަމަށް ހާމަކުރުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މިވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.