ކާބުލް (31 އޮގަސްޓް) - އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންނާއެކު އެންމެ ފަހުގެ އަސްކަރީ މަތިންދާ ބޯޓު ކާބުލް އެއާޕޯޓުން ފުރުމާއެކު 20 އަހަރަށް ދެމިގެން ދިޔަ އެމެރިކާއާއި ތާލިބާާނުންގެ ހަނގުރާމަ ނިމުމަކަށް ހިނގައްޖެ އެވެ.

މިއަދު ފަތިހުގެ ވަގުތެއްގައި އެމެރިކާގެ އެންމެ ފަހުގެ މަތިންދާ ބޯޓު ފުރައިފައިވާކަން ޕެންޓަގަންއިން ޔަގީން ކޮށްދީފައިވާ އިރު އެމެރިކާއިން ވަނީ އެގައުމުން ކަނޑައަޅާފައިވާ މުހުލަތުގެ ކުރިން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭރުކޮށްފަ އެވެ.

އެމެރިކާގެ އެންމެ ފަހު ބޯޓު ކާބުލް އިން ފުރުމާއެކު ތާލިބާނުން ވަނީ ބަޑީގެ ސަލާމާއެކު އެޖަމާއަތުގެ ކާމިޔާބީ ފާޅުކުރަން ފަށާފަ އެވެ.

އެމެރިކާއިން މިހާތަނަށް ކުރި އެންމަ ދިގު ހަނގުރާމައިގައި 2500 އަށުވުގެ ގިނަ އެމެރިކާ ސިފައިން މަރުވެފައިވާއިރު 240،000 އަށްވުރެ ގިނަ އަފްޣާނުން ވެސް ވަނީ މަރުވެފަ އެވެ. މި ހަނގުރާމައިގައި ލިބުނު ގެއްލުން ދެ ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

އެމެރިކާއިން އެންމެ ފުރަތަމަ އަފްޣާނިސްތާނުންގައި އެގައުމުގެ ސިފައިން ބައިތިއްބީ އަލްގައިދާގެ ބޭސްއެއްގެ ގޮތުގައި އަފްޣާނިސްތާނުގެ ބިން ބޭނުން ކުރުން ހުއްޓުވުމަށްޓަކަ އެވެ. އޭގެ ކުރިން ތާލިބާނުން ވަނީ 1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް އަފްޣާނިސްތާނުގައި ވެރިކަން ކޮށްފަ އެވެ.

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަކީ ޖެނުއަރީ މަހު ރައީސް ކަމުގެ ހުވާ ކުރެއްވި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ ރިޔާސީ ވައުދެކެވެ. މި ނިންމުމަކީ އެތައްހާސް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށައެޅޭ ނިންމުމެއް ކަަމަށް ބުނެ އިދިކޮޅު ރިޕަބްލިކްއިން ދަނީ ބައިޑަންއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެމެރިކާގެ ސިފައިން ފައިބަން ފެށުމާއެކު ވެރިރަށް ކާބުލް އަށް ވެރިވެގަނެ ތާލިބާނުން ވަނީ އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާންގެ ނަމުގައި އާ ދައުލަތެއް އިއުލާން ކޮށްފަ އެވެ.

ތާލިބާނުންގެ ހަރުކަށި ވެރިކަމުން ސަލާމަތް ވުމަށްޓަކައި އެތައްހާސް ބަޔަކު އަފްޣާނިސްތާން ދޫކޮށް ގޮސްފައިވާއިރު މިކަމުގެ ސަބަބުން ހިތާމަވެރި ގިނަ ހާދިސާތަކެއް ވެސް ހިނގާފައިވެ އެވެ. -- ރޮއިޓާސް