ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގައި ކެއިންބުއިމުގެ ހިދުމަތް ދޭ ގިނަ ތަންތަން އިއުލާންކުރުމެއް ނެތި، އެ އެއާޕޯޓުގައި ކޮސްޓާ ކޮފީ ހިނގާ އެޗްއެމްއެސް ހޮސްޓް މޯލްޑިވްސް ކިޔާ ބޭރުގެ ކުންފުންޏަކަށް ދޭން އެމްއޭސީއެލް އިން ނިންމައިފި އެވެ.
އެޗްއެމްއެސް ހޮސްޓް އިން އަންނަނީ ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލް ކުރިމަތީގައި ހުންނަ ދެ ބުރިއަށް ހަދާފައިވާ ގާތްގަނޑަކަށް 14،000 އަކަފޫޓުގެ ބޮޑު އިމާރާތުގައި ފުޑް ކޯޓުގައި ކޮސްޓާ ކޮފީ އާއި ކޭއެފްސީ،ޕިއްޒާ ހަޓް އަދި ހާވެސްޓް މާކެޓް ހިންގަމުންނެވެ. އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލްއާ އެކު އެމްއޭސީއެލް އިން ސޮއިކުރީ ޖެނުއަރީ 29، 2017 ގަ އެވެ.
އެ އެއާޕޯޓުގައި އެޗްއެމްއެސް ހޮސްޓްގެ އިތުރުން އާމިރު މަންސޫރު އިންވެސްޓްމަންޓާއި މައިނާ ފުޑްސް އިން އެފްއެންބީ އައުޓްލެޓްތަކެއް ހިންގަމުންނެވެ. ނަމަވެސް އެޗްއެމްއެސް ހޮސްޓް ފިޔަވައި އިތުރު ބަޔަކަށް އާ ޓާމިނަލްގެ އެއްވެސް އައުޓްލެޓެއް އެމްއޭސީއެލް އިން ނުދެ އެވެ.
ވީއައިއޭގައި އަލަށް ހެދި ޓާމިނަލްގައި އެޗްއެމްއެސް ހޮސްޓް އިން ވަނީ ކޮސްޓާ ކޮފީ ހުޅުވަން ބޯޑު ބަހައްޓައިފަ އެވެ. މިކަމާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ބަހެއް ހޯދަން ތަކުރާރުކޮށް ގުޅުމުން އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދު ފޯނަށް ޖަވާބެއް ނުދެއްވި އެވެ.
އެ އެއާޕޯޓުގައި އެފްއެންބީގެ ހިދުމަތް ދޭ ކުންފުންޏެއްގެ އިސްވެރިއަކު ނަން ނުޖެހުމަށް އެދި "ހުރިހާ"އަށް ވިދާޅުވީ އާ ޓާމިނަލްގެ ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ވަކި ބަޔަކަށް އެކަނި ދޭން އެމްއޭސީއެލް އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެޗްއެމްއެސް ހޮސްޓްއާއެކީ ހެދި އެގްރިމަންޓްގައި އާ ޓާމިނަލް ހުޅުވުމުން އެތަނުން ޖާގަ ދޭނެ ކަމަށް މާއްދާއެއް ހިމަނާފައިވޭ. މިކަން ކުރީ އެމްއޭސީއެލް އިސްވެރިންތަކަކަށް މަންފާ ލިބޭ ގޮތަށް. މިއީ އެ ކުންފުނިން ހިންގި ވަރަށް ބޮޑު ޖަރީމާއެއް،" އޭނާ ވިދާޅުވި އެވެ.
އެ ބޭފުޅާ ވިދާޅުވީ 2017 ވަނަ އަހަރު އެޗްއެމްއެސް ހޮސްޓް ކިޔާ ބަޔަކު ރާއްޖެ ގެނައިއިރު، އެ ކުންފުންޏާއެކު ހެދި އެއްބަސްވުމުގައި އާ ޓާމިނަލުން ޖާގަ ދޭނެ ވާހަކަ ނެތް ކަމަށެވެ. އަދި އެ މާއްދާ އެއްބަސްވުމަށް އިތުރުކުރީ މި ސަރުކާރު އައިސް އެމްއޭސީއެލް ހިންގަން ހަވާލުވި އިސްވެރިންތައް އަންގައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަމުގެ އަޑީގައި ތިބި އެންމެ ވެސް ވަރަށް ރަނގަޅަށް އެނގޭ. މިއީ ރޭވިގެން ހިންގާފައި އޮތް ބޮޑު ޖަރީމާއެއް،" އެ ބޭފުޅާ ވިދާޅުވި އެވެ.
އެޗްއެމްއެސް ހޮސްޓަށް އާ ޓާމިނަލްގެ ފުޑް އައުޓްލެޓްތައް ހިންގަން އިއުލާންކުރުމެއް ނެތި ދިންއިރު، އެތަނުގެ ޑިއުޓީ ފްރީ ފިހާރަތައް ހިންގާނީ ސީދާ އެމްއޭސީއެލް އިން ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.